ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓްކުރި 1990 އަށްވުރެ ގިނަ ކޭހާއެކު، އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 26496 އަށް އަރާފައިވާކަމަށް އިންޑިއާގެ ހެލްތް އެންޑް ފެމިލީ ވެލްފެއާ މިނިސްޓްރީއިން މިއަދު ހާމަކޮށްފިއެވެ.

ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 19868 ކޭހެއް ކަމަށްވާއިރު، 5804 ކޭހެއް ރެކޯޑްކޮށްފައިވަނީ ފަރުވާ ހޯދާފައިވާ މީހުން ނުވަތަ ޑިސްޗާކޮށްފައިވާ މީހުން ނުވަތަ އެހެން ހިސާބަކަށް ހިޖުރަކޮށްފައިވާ މީހުންގެ ގޮތުގައެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 49 މަރެއް ރިޕޯޓްކޮށްފައިވާއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދުވެސް މިހާރު ވަނީ 824 އަށް އަރާފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ހެނދުނު ފޯރުކޮށްދިން ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އަދިވެސް އެންމެ ބޮޑުވެފައިވަނީ މަހާރާޝްތްރާ ސްޓޭޓްއަށެވެ. އެ ސްޓޭޓުން އެކަނިވެސް 7628 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، 323 މަރުގެ ކޭހެއް ވަނީ ރެކޯޑްކޮށްފައެވެ.

ދެވަނައަށް އެންމެ ނުރައްކާ ބޮޑު މަންޒިލަކީ މިހާރު ގުޖުރާތު ސްޓޭޓްއެވެ. އެ ސްޓޭޓްއިން 3071 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، 133 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ވެރިރަށް ނިއުދިއްލީއަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްކޮށްފައިވަނީ 2625 ކޭހެކެވެ. އަދި މަރުގެ ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 54 ކޭހެކެވެ.

ޓެމިލް ނާޑޫ ސްޓޭޓްއަށް ބަލާއިރު 1821 މީހަކަށް ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 23 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ރާޖަސްތާންއިން 2083 މީހަކު ޕޮޒިޓިވްވެފައިވާއިރު 33 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ކެރެލާ ސްޓޭޓަށް ބަލާއިރު އެ ސްޓޭޓުން މި ބައްޔަށް ޕޮޒިޓިވްވި ކަމަށް ރެކޯޑްކޮށްފައިވަނީ 457 ކޭހެކެވެ.

އިންޑިއާގެ ކޮވިޑް-19 ކާވް މިހާރު ފްލެޓްވާން ފަށާފައިވާކަމަށް ސަރުކާރުގެ ސިޔާސަތުތަކާ ބެހޭ ތިންކް ޓޭންކްގެ މެމްބަރަކު ފާހަގަކުރައްވާފައިވާއިރު، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ކޮންމެވެސް ވަރަކަށް ވަނީ ލުއިދޭން ފަށާފައެވެ.

އެގޮތުން ގާތްގަނޑަކަށް މަހެއްހާ ދުވަހު ފުރިހަމަ ލޮކްޑައުންއެއްގައި އޮތުމަށްފަހު ކުދި ރީޓެއިލް ފިހާރަތައް އޮޕަރޭޓްކުރުމުގެ ހުއްދަ، މިހާރު ވަނީ ދޭން ފަށާފައެވެ. ނަމަވެސް މި ފިހާރަތަކުގައި މަސައްކަތް ކުރަންވާނީ މުވައްޒަފުންގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި ކަމަށާ، އިޖުތިމާއީ ގައިދުރުކަން ތަންފީޒުކޮށް، މާސްކު ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ބޭނުން ހިފަންޖެހޭނެ ކަމަށް އެ ފިހާރަތަކަށް އިންޑިއާގެ ދާހިލީ ވުޒާރާއިން ވަނީ އަންގާފައެވެ.

އިންޑިއާގެ އެތައް މިލިއަން ގޭބިސީއަކީ މިފަދަ ކުދި ފިހާރައަކަށް އިންތިހާއަށް ބަރޯސާވެފައިވާ އާއިލާތަކެއްކަން ފާހަގަކުރަންޖެހެއެވެ.