ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއާއި ފެންކުންފުނި އެމްޑަބްލިއުއެސްސީގެ ބިލު ތައްޔާރުކުރުމަށް މީޓަރުގެ ފޮޓޯއެއް ފޮނުވަން އެދިއްޖެއެވެ.

ކޮވިޑް-19 މާލޭގައި ފެތުރެމުންދާތީ އެ ދެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ބިލު ތައްޔާރު ކުރުމަށް މިމަހު އެ ދެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ނުދާނެ ކަމަށް ބުނެއެވެ. އެހެން ކަމުން އެ ހިދުމަތް ހޯދާ ފަރާތްތަކުން މީޓަރުގެ ފޯޓޯއެއް ނަގާ އެ ފަރާތަށް ފޮނުވުމަށް އެދިފައެވެ.

އެގޮތުން ސްޓެލްކޯއިން ވަނީ މީޓަރުގެ ފޮޓޯއެއް ނަގާ އެ ކުންފުނީގެ ޕޯޓަލް http://www.stelco.com.mv/smr އަށް ފޮނުވުމަށް މާލެ ސަރަހައްދުގައި ތިބި ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ. ހަމައެއާއެކު ފޮޓޯ ފޮނުވެން ނެތް ފަރާތްތަކުގެ ބިލް ތައްޔާރު ކުރާއިރުވެސް އެއްވެސް ގެއެއްގެ ބިލު މި ފަހަރު ބޮޑު ނުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެއީ ބިލް ތައްޔާރު ކުރުމުގައި އެވްރެޖް ގޮތެއްގައި ކޮންމެ ގެއަކުންވެސް ކަަރަންޓު ބޭނުންކުރާ މިންވަރަށް ބަލާފައި ބިލު ތައްޔާރު ކުރުމަށް ނިންމާފައި ވާތީ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ ކޮންމެ ކަސްޓާމަރަކު މީޓަރުގެ ރީޑީންގް އާއި މީޓަރު ނަންބަރު ސާފުކޮށް އިނގޭނެހެން ފޮޓޯއެއް ނަގާފައި ފޮނުވުމަށް އެދިފައެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ކޮންމެ ކަސްޓަމަރަކަށް ފޮނުވި މެސެޖުގައި މީޓަރުގެ ފޮޓޯ ނަގާ ވައިބާ ކުރަންވީ ނަންބަރެއް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ފެން ކުންފުނިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި 1050 އަށް މެސެޖު ކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖައްސާފައެވެ. އެ ގޮތުން ސަބްސްކްރައިބް ކުރުމަށް SUBSCRIBE ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްފައި އެކައުންޓް ނަންބަރާއި މީޓަރު ނަންބަރު ޖެހުމަށްފަހު މެސެޖު ކުރެވޭނެއެވެ. ހަމައެއާއެކު ބިލުގެ ބެލެންސް ބެލުމަށް BAL ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްފައި އެކައުންޓް ނަންބަރާއި މީޓަރު ނަންބަރު ޖެހުމަށްފަހު މެސެޖު ކުރުމުން ޖަވާބު ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ސުވާލެއް ކުރަން ބޭނުންނަމަ INQ ޖެހުމަށް ފަހު ހުސްތަން ކޮޅެއް ދޫކޮށް ސުވާލު ލިޔެފައި ފޮނުވުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން މި މަހާއި އަންނަ މަހުގެ ފެންބިލުން 30 ޕަސެންޓް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު އެ މުއްދަތުގައި ކަރަންޓު ބިލުން 40 ޕަސެންޓް ސަބްސިޑައިޒް ކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.