ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ހައްލު ހޯދުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ގައުމުތައް ލޮކްޑައުންކޮށް، އެތައް ބިލިއަން ބަޔަކު ގެތަކުގައި ބަންދުވެފައިވާއިރު، ހާސްކަމާ ނުތަނަވަސްކަން ފިލުވާލުމަށް އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވަނީ ފަސޭހައިން ތައްޔާރުކޮށްލެވޭ ކޮންމެވެސް އެއްޗެއް ކައްކާލުމަށެވެ.

އަމަލީ ގޮތުން ބަދިގެއަށް ވަދެ ނުކެއްކިއަސް، ކައްކާނެ ގޮތާ ރެސިޕީތައް ހޯދުމަކީވެސް ބައެއް މީހުންނަށް ހަމަޖެހުން ގެނުވާ ކަމެކެވެ.

ކަންމިހެން އޮތްއިރު، ފާއިތުވީ 30 ދުވަހުގެ މުއްދަތުގައި އެންމެ ގިނަ މީހުން ގޫގްލް ސާޗް އިންޖިން މެދުވެރިކޮށް 'ސާޗް' ކުރި ރެސިޕީތަކަށް ބަލާލަމާތޯއެވެ.

5. ޑެލްގޯނާ ކޮފީ

މިއީ ކޮވިޑް-19ގެ ލޮކްޑައުންއާއެކު މުޅި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރިގެން ދިޔަ ރެސިޕީއެވެ. ދިވެހިންގެ ސޯޝަލް މީޑިއާ ފީޑަށް ބަލާލި ކަމުގައި ވީ ނަމަވެސް ޑެލްގޯނާ ކޮފީގެ ވާހަކަ ނުދައްކާ މީހަކު ނެތޭވެސް ދެންނެވިދާނެއެވެ.

ޑެލްގޯނާ ކޮފީ/ފޮޓޯ: އޭއެފްއެން

ކިރާ ހަކުރު އޮލަކޮށް ގިރައިގެން ތައްޔާރުކުރާ ޑެލްގޯނާ ކޮފީ ނުބޯ މީހުންވެސް އެ ރެސިޕީ ސާޗްކޮށްފައި އެބަހުއްޓެވެ.

4. ޗޮކްލެޓް ކޭކް

އިތުރު ތައާރަފަކަށް ބޭނުން ނުވާ ޗޮކްލެޓް ކޭކަކީ ކޮންމެ މުނާސަބާއަކާވެސް ރައްޓެހި ފޮނިކާ އެއްޗެކެވެ.

ދަންވަރު ގަޑީގައި ފުރިޖު ކައިރިއަށް ގޮސް ކޭކު ތައްޓެއް ހިފައިގެން ހުރި މީހެއް/ފޮޓޯ: ވައިޓީއައި

ޗޮކްލެޓް ކޭކު މީރު މީހުން ކިތަންމެ ގިނަ ކަމުގައި ވީ ނަމަވެސް، ކާމިޔާބު ޗޮކްލެޓް ކޭކެއް އެޅެނީ އޭގެ ތެރެއިން މަދު ބަޔަކަށެވެ. މީގެ އިތުރުން، ޗޮކްލެޓް ކޭކް ފިހާ މަންޒަރު ބެލުމަކީވެސް ބައެއް މީހުން ޝައުގުވެރިވާ ކަމެކެވެ. ޗޮކްލެޓް ކޭކުގެވެސް ތަފާތު އެކި ސްޓައިލްތައް މިހާރު ވަނީ ތައާރަފުވެފައެވެ. އަދި ލޮކްޑައުންއަށް ހާއްސަ ރެސިޕީތައްވެސް އިންޓެނެޓްގައި ދަނީ ވައިރަލް ވަމުންނެވެ.

3. ފްރެންޗް ޓޯސްޓް

ފްރެންޗް ޓޯސްޓަކީވެސް ތައްޔާރުކޮށްލަން ފަސޭހަ، އަނގަޔަށް މީރު އެއްޗެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ފްރެންޗް ޓޯސްޓް ތައްޔާރުކުރަނީވެސް ތަފާތު ގޮތް ގޮތަށެވެ.

ފްރެންޗް ޓޯސްޓް ދިވެހިންނަށް ހާއްސައީ ރޯސް ޕާނުގެ ގޮތުގަ/ފޮޓޯ: ރިއަލް ސިމްޕަލް

ބިސް، ކިރު އަދި ޕާން ބޭނުންކޮށްގެން ތައްޔާރުކުރާ މި ފްރެންޗް ޓޯސްޓްއަކީ ދިވެހިންނަށްވެސް ފަރިތަ ރެސިޕީއެކެވެ. ދިވެހި ބަދިގެތަކަށް ފްރެންޗް ޓޯސްޓް ހާއްސަވަނީ ރޯސް ޕާނުގެ ގޮތުގައޭވެސް ދެންނެވިދާނެއެވެ.

2. ޕިއްޒާ ފުއްގަނޑު

އާންމު ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނަންޖެހިފައިވާއިރު ބައެއް ކަހަލަ އާދަތަކަކީ އެ ކަންކަމާ ދުރުވުން މާ ފަސޭހަ ކަންކަމެއް ނޫނެވެ. ލޮކްޑައުންގައި އެތައް ބަޔަކު ގޭބަންދުވެފައި މި ދަނޑިވަޅުގައި، އެ ރަހައަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އެއް ރަހައަކީ ޕިއްޒާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މީހަކު އަމިއްލައަށް ޕިއްޒާ ފުއްގަނޑެއް މޮޑެނީ/ފޮޓޯ: ލަވް އެންޑް ލެމަން

ފާއިތުވީ 30 ދުވަހު ގޫގްލްއިން އެންމެ ގިނަ ބަޔަކު ސާޗް ކުރި ރެސިޕީތަކަށް ބަލާއިރު ލިސްޓުގެ 2 ވަނަ މަގާމު ޕިއްޒާ ފުއްގަނޑަށް ލިބުނީވެސް ސަބަބެއް ނެތިއެއް ނޫންތާއެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް މާ ފަސޭހައިން ކާމިޔާބު ކުރެވޭ ރެސިޕީއެއް ނޫނެވެ.

1. ބަނާނާ ބްރެޑް

ބަނާނާ ބްރެޑްއަކީ ތަފާތު ފޮނިކާއެއްޗެއް ތަޖުރިބާކޮށްލަން ބޭނުންނަމަ އެންމެ ފަސޭހައިން ގޭގައި ތައްޔާރު ކުރެވިދާނެ އެކައްޗެވެ. ކޮންމެ ވަގުތަކަށްވެސް ބަނާނާ ބްރެޑް ފުދޭ ކަމަށް އިއްތިފާގުވާ މީހުން މަދެއް ނޫނެނެވެ.

ލޮކްޑައުންގައި އެންމެ ގިނަ ބަޔަކު ސާޗްކޮށްފައިވަނީ ބަނާނާ ބްރެޑް ރެސިޕީ/ފޮޓޯ: މާސްޓާކްލާސް

ތަފާތު އެކި ރަހަތަކުގެ ބަނާނާ ބްރެޑް ރެސިޕީޓައް ހުރެއެވެ. ބައެއް މީހުންނަށް ބަނާނާ ބްރެޑް މީރުވަނީ ކުޑަ ފޮނި ތޮށިކޮޅަކާއެކު ކަމަށް ވާއިރު، އަނެއް ބަޔަކަށް ބަނާނާ ބްރެޑް އެންމެ މީރުވަނީ ޗޮކްލެޓްކޮޅެއްވެސް އަޅައިގެންނެވެ.