ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކާގޯ ފްލައިޓުތަކެއް ރަށްތަކަށް ބާއްވަން މޯލްޑިވިއަން އިން ނިންމާފައި ވަނީ ރަށްރަރަށް މުދާ ގެންދިއުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް ކޮށްމެ ދުވަހަކުވެސް ބާއްވާނެ ކަމަށާއި އެ ދަތުރުގައި ގެންދާނެ މުދާތަކާއި ގުޅިގެން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކާއި ގުޅިގެން އެކަންކަން ހަމަޖައްސަމުން ގެންދާނެ ކަމަށެވެ.

މި ދަތުރުތަކުގައި މިވަގުތު ކަރަންޓީން ނިންމާފައި ތިބި މީހުންނަށް އެމީހުންގެ ރަށަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ކާގޯ ފްލައިޓުތަކެއް މޯލްޑިވިއަން ބާއްވަން ނިންމާފައިވާއިރު އެ ކުންފުނިން މިހާރުވެސް އަންނަނީ އިންޑިއާ، ލަންކާ، ތައިލެންޑް އަދި ޔޫއޭއީ އަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ. އެއީ މާލެއަށް ބޭނުންވާ މުދާ ގެނައުމަށެވެ.