އަދު ދެކެމުން މިދާ ދަތުމަޑުކަމާ އެކަހެރި ދިރިއުޅުމަކީ އެކަމަކާ ކުރިމަތިލުމަށް އެއްވެސް ވަރަކަށް ބަޔަކު ތައްޔާރުވެގެން އޮތްހާލަތެއް ނޫނެވެ. ގޭތެރޭގެ ހަތަރު ފާރުން އެތެރޭގައި، އަނެއް ބަޔަކު ހަތަރު ފާރުން އެތެރޭގެ އެޕާޓްމަންޓްތަކުގައި އަދި އެއަށްވުރެވެސް ކުޑަ ކޮޓަރިތަކުގައި ބަންދުވެފައި ތިބުމަށް މަޖުބޫރުވެފައިވާ މި ދަނޑިވަޅުގައި، ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ހޯދުމަށް އެންމެ ގިނަ ބަޔަކު ބަރޯސާވަނީ ކޮންމެވެސް އެއްޗެއް ކައްކާލުމަށް ނުވަތަ ފިހެލޭ ހެދުމަށެވެ. ނަމަވެސް ތައްޔާރު ނުވެ ތިއްބާ ކުރިމަތިލާންޖެހުނު ލޮކްޑައުންނާއެކު ގޭގައި ކޮންމެ ކޮންމެ އެއްޗެއް ނުހުރެދާ ފަހަރާ ކުރިމަތިލާންވެސް އޮންނަނީ ޖެހިފައެވެ.

ރަމަޟާން މަހުގެ ދުވަސްތަކަށް ފެށިފައިވާއިރު، މިއީ ކެއިންބުއިމުގެ އާދަކާދާއަށްވެސް ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމުން ލޮކްޑައުންގައި ބަދިގެ ވެފައިވަނީ ތަފާތު މަންޒިލަކަށެވެ. އާއިލާތައް އެކުގައި އުޅުނު އުޅުމާ ދުރުވެ، ގައިދުރުކަން އިސްކުރަންޖެހުމާ، އެކި ކަންކަމުގައި އާތްގާތްކޮށްލަދޭން ގެއަށް ގެނައި ބިދޭސީ މީހާއަށްވެސް އޭނާގެ ކިއްލާއިން ނިކުމެވޭނެ ގޮތެއް ނެތްއިރު، ބައެއް މީހުންނަށް ލޮކްޑައުން ބަދިގެ ވެފައިވަނީ ތަކުލީފަކަށޭވެސް ދެންނެވިދާނެއެވެ. ނަމަވެސް މިއީ ހައްލު ނެތް މައްސަލަތަކެއް ނޫނެވެ.

ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތައް

މިއީ އެންމެ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗެވެ. އެތައް ވަރަކުން 3 ދުވަހުން 1 ދުވަހު ގަޑިއިރަކަށް ލިބޭ ހުއްދައާއެކު ކައިރި ހިސާބަކުން އަތުޖެހުނު ފަތްޕިލާވެއްޔެއް ގަތުމަށް މަޖުބޫރުވެފައިވާއިރު، މިއީ އެންމެ ތާޒާ ތަކެއްޗަށްވެސް ނުވެދާނެއެވެ. ނުވަތަ ގަނެފައި ހުރި ބިރެއްގެ ސަބަބުން، ފުދޭ ވަރަށްވުރެ އިތުރަށްވެސް މިތަކެތި ގަނެވިދާނެއެވެ. ދެން ބޭރަށް ދެވޭނެ ދުވަހެއް ޔަގީންކޮށް ބުނަން ނޭނގޭއިރު، ގިނަ ދުވަސްތަކަކަށް މި ތަކެތި ރައްކާ ކުރަންޖެހުމުގެ ބޮލުގެ ރިހުމާވެސް އޮތީ ކުރިމަތިލާންޖެހިފައެވެ.

ކާށިދޫ ކޮޕީފަތް ދަނޑު

ހާސް ވާނެ ކަމެއް ނެތެވެ. ފަތުގެ ބާވަތްތަކާ، ފަސޭހައިން ހަލާކުވާ ޒާތުގެ ފެހިކަން ގަދަ ބާވަތްތައް ފުޑް ޕްރޮސަރެއްގައި މުގުރާ، ޕޭސްޓުގަނޑަކަށް ވަންދެން ޕިއުރީ ކޮށްލާށެވެ. އެއަށްފަހު އައިސްކިއުބް ޓްރޭތަކަށް އަޅާ، އެ ރައްކާ ކުރާށެވެ. މިއީ ސްމޫތީ ހަދާލަން އެފަދަ ދެވަނައެއް ނެތް އުކުޅެކެވެ. ތައްޔާރީ ދަޅުތަކުގައި ހަކުރު ސިރަޕް އަޅާ ބަންދުކޮށްފައި ހުންނަ ބާވަތްތަކުގައި ތައްޔާރުކުރާ އެކި ކަހަލަ ފަނިތަކަށްވުރެ، މިފަދަ ބުއިމަކުން ހަށިގަނޑަށް ލިއްބައިދޭ ފައިދާވެސް މާ ބޮޑުވާނެއެވެ.

ތަން ތާހިރުކުރުން

ކިތަންމެ ކައްކާ ހިތްވިނަމަވެސް އެ ކެއްކުމުގައި ބޭނުންކުރި ސަމާނާ، ކެއްކުމުގެ މަސައްކަތް ކުރި ސަރަހައްދު ސާފު ކުރަން ފޫހިވާ މީހަކަށް ވެދާނެއެވެ. މީގެ ކުރިން ބިދޭސީއަކަށް މިކަން ދޫކޮށްލައިގެން ތިބި މީހުންނަށް ލޮކްޑައުންގައި މިއީ އުފުލަންޖެހޭ ބޮޑު ވޭނަކަށްވެސް ވެދާނެއެވެ. ނަމަވެސް، މިއީވެސް ހާސްވާންވީ ކަމެއް ނޫނެވެ.

ކްލިންގް ފިލްމް ނުވަތަ ކްލިއާ ފިލްމް ފަދަ ރޯލެއް އަތުޖެހިއްޖެނަމަ މައްސަލަ ހައްލުވީއެވެ. ކޭކާ، ޕާން ނުވަތަ ފުށް ފަދަ ތަން ހަޑިކުރާ ޒާތުގެ ބާވަތްތައް ބޭނުންކޮށްގެން މީރު އެއްޗެއް ތައްޔާރުކޮށްލަން ފެށުމުގެ ކުރިން، މަސައްކަތް ކުރާނެ ސަރަހައްދެއް ކަނޑައަޅާ، އެ ސަރަހައްދުގައި ރަނގަޅަށް ކްލިންގް ފިލްމް އަޅާށެވެ. މަސައްކަތް ނިމުމުން، އެ ފިލްމް ފަށަލަ ނައްޓާލާ، އެއްލާލާށެވެ. މާ ބޮޑު ބުރައަކާ ނުލާ، މަސައްކަތްކުރި ސަރަހައްދު ސާފުކޮށްލަން މިއީ މާ ފަސޭހަ ގޮތެކެވެ.

ތަރުކާރީއާއި މޭވާ ކޮށާ، ގަނޑުކުރުން

ލޮކްޑައުންގައި ތިއްބެއްކަމަކު ވަގުތަކީ ހަމަ އޭގެ ޒާތުގައި އަގު ނުކުރެވޭނެ ނިއުމަތެކެވެ. ގޭގައި ހުއްޓެއް ކަމަކު ވަގުތުގެ މުހިންމުކަން މަތިން ހަނދާން ނައްތާލާށެވެ. މިފަދަ ދަނޑިވަޅެއްގައި، ދުވާލުގެ ހުރިހާ ވަގުތެއް ބަދިގެއަށް ހުސްކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.

މޭވާ ޕޮޕްސިކަލް/ފޮޓޯ: ކެމްޑޯރާ

މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންވާ ސައިޒަށް ކުދިކޮށް ކޮށާ، ކޮންޓޭނަރުތަކުގައި ވައި ނުވަންނާނެހެން ބަންދުކޮށް އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ރައްކާ ކުރުމަކީ ބަދިގޭގައި ހޭދަވާ ވަގުތުން ބޮޑު ބައެއް ސަލާމާތްކުރެވޭނެ އުކުޅެކެވެ. މޭވާއާއި ތަރުކާރީ ކޮށާ ސާފުކުރުމަށް ހޭދަވާ ވަގުތުވެސް ސަލާމަތްވާނެއެވެ.

އެއް އިރަށްވުރެ ގިނަ އިރު ކެވޭ ތަކެތި ތައްޔާރު ކުރުން

މިއީ ހުރިހާ ގޮތަކުންވެސް އިގުތިސޯދު ކުރަންޖެހިފައިވާ ވަގުތެއްކަން ފަހަރެއްގައިވެސް ހަނދާން ނައްތާނުލާށެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއްކަން ހަނދާން ނައްތާނުލާށެވެ. ހުރިހާ ވަގުތެއް ބަދިގޭގައި ހޭދަކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެންކަމުން، އެންމެ ބުއްދިވެރި އެއް ގޮތަކީ، ދެތިން ފަހަރަކު ކާލެވޭ ފަދަ އެއްޗެއް ތައްޔާރު ކުރުމެވެ. ރޯދަ ވީއްލަން ވަކި އެއްޗެއް، ތަރާވީސް ގަޑިއަށް ވަކި އެއްޗެއް، އަދި ހާރު ދަމަށް ވަކި އެއްޗެއް ތައްޔާރު ކުރަން ނޫޅޭށެވެ.

ބަޓާ ޗިކަންއަކީ އިންޑިއާ ރިހަތަކުގެ ތެރެއިންވެސް މުޅި ދުނިޔެއަށް މަގުބޫލު ރިހައެއް/ފޮޓޯ: ޝަޓާސްޓޮކް

ލައިގެން ކާނެ އެއްޗެއް ތައްޔާރުކުރާއިރު، އެއް ވަގުތު ރޮއްޓާއެކު ބޭނުންކުރިއްޔާ އަނެއް ވަގުތު ބަތް ނުވަތަ ޕާން ކޮޅަކާއެކު ބޭނުން ކުރެވޭ ފަދަ އެއްޗެއް ތައްޔާރުކޮށްލާށެވެ.

މިފަދަ ގޮތަކަށް ކާބޯތަކެތި ތައްޔާރުކުރާއިރު ފަސޭހައިން، ކުޑަ ޚަރަދަކުން ހޫނުކުރެވޭ ފަދަ ތަކެތި ތައްޔާރު ކުރުމަށްވެސް ވިސްނަން ވާނެއެވެ. އެތައް އިރަކު އުނދުނުގައި ބަހައްޓައިގެން ކެކޭ އެއްޗަކަށްވުރެ، ކުޑަ ވަގުތު ކޮޅަކުން، ކުޑަ ހަކަތައެއް ހަރަދު ކޮށްގެން ކައްކާލެވޭ އެއްޗިއްސަށް ބަރޯސާވާށެވެ.

ލިސްޓް ކޮބާ؟

ލޮކްޑައުންގެ މި ދަނޑިވަޅަކީ އެންމެ މަދުވެގެން ހަފުތާއެއްގެ މުއްދަތަށް ޕްލޭން ކުރަންޖެހި، އެކަން ކަށީގައި އަށަގަންނުވަން ޖެހިފައިވާ ދަނޑީވަޅެކެވެ. މިއީ ކައްކަން ހުރެފައި ލޮނުކޮޅެއް ނެތިގެން ޖެހިގެން ހުރި ގެއަށް ނުވަތަ ކަންމަތީ ފިހާރައަށް މާ ފަސޭހައިން ދެވޭނެ ޒަމާނެއް ނޫނެވެ.

އެހެންކަމުން، ބަދިގެއިން ހުސްވަމުންދާ ތަކެއްޗާ، ސްޓޮކްގައި ހުރި ތަކެތި ލިސްޓު ކުރަމުންދާށެވެ. މި ގޮތަށް ކަން ކުރުމުން، ވިޔަފާރިކޮށް، ބާޒާރުކޮށްލަން ލިބޭ ހަނި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފި، އެންމެ ބޭނުން ޖެހޭ ވަގުތު ލޮނު ފުޅި ހުސްވެގެންވެސް އުޅޭކަށް ނުޖެހޭނެއެވެ.

ކޮވިޑް-19އާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދާ ސްޕެއިންގައި އަސާސީ މުއްދާ ވިއްކާ ފިހާރައެއްގައި އާންމުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ކޮންމެ ކަމަކީވެސް ނިއުމަތެއްގެ ގޮތުގައި ދެކޭށެވެ. ލޮކްޑައުންއަކީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވާ، ތަފާތު އާދަތަކަށް ހަށިގަނޑު ހާނުވާލަން ލިބުނު އާދަޔާ ހިލާފު ފުރުސަތެއް ކަމުގައި ދެކުމަކީ، މި ނުތަނަވަސް ދަނޑިވަޅުގައި ނަފްސަށް ލިބޭ މާޔޫސްކަންވެސް ކުޑަކޮށްލާނެ ކަމެކެވެ.