ރާއްޖޭގެ ފަތުރުވެރިކަން ދަށްވެގެންދާ ކަމަށްވާ ނަމަ ދައުލަތަށް ދައްކަން ޖެހޭ ރިސޯޓުތަކުގެ ކުލި އެ ރިސޯޓުތަކުގެ އޯނަރުންނަށް ދައްކަން ދަތިވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އެންމެ ބޮޑު ދަށްވުމެއް އަންނާނެ ކަމަށް ބެލެވެނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އަށް ކަމަށެވެ. އެއީ ކޮވިޑް19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައި އޮތުމާއި އެކު ޓީޖީއެސްޓީ އަދި ގްރީން ޓެކުހާއި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ބޮޑުތަނުން ދަށްވާނެ ކަމަށް ބެލެވޭތީ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ދަތުރުފަތުރާއި އާއްމު ވިޔަފާރިތަކާއި އަދި ގިނަ އެހެން ދާއިރާތަކެއް ބަރޯސާވާ ދާއިރާއެއް ކަމުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު އިގްތިސޯދުގެ އެހެނިހެން ދާއިރާތަކަށް ވެސް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކެއް ލޮކްޑައުން ކޮށްފައިވާތީ ޖުމްލަ ގޮތެއްގައި ހުރިހާ އިގްތިސޯދީ ހަރަކާތްތަކެއް މަޑުޖެހިފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު ދިގުލައިގެންދާ ނަމަ ރިސޯޓުތަކުގެ ބިމުގެ ކުލި ދެއްކުމަށް ދަތިވެ ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ އާމްދަނީ ބައެއް ނުލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ސިއްހީ އަދި ޑިޒާސްޓާ މެނޭޖުމަންޓަށް ކުރާ ހަރަދު އިތުރުވެގެން ދާނެ ކަމަށްވެސް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް އިގްތިސޯދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކަށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.