ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ޖުލައިގައި 50 އިންސައްތައް ދައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ކޮވިޑް19 ގެ ބަލިމަޑުކަން ދުނިޔޭގައި ހަލުވިކޮށް ފެތުރެމުން ދިއުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ބަލިފެތުރެމުންދާ ގައުމުތަކުން ދަތުރުން ކުރުން މަނާ ކުރުމާއެކު ފަސިންޖަރުންގެ ދަތުރު ފަތުރު މުޅިންހެން ހުއްޓުމުކަށް އައިސްފައިވާ ކަމަށެވެ.

މީގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކޮށްފައިވާ ކަމަށާއި އަދި ދިވެހިރާއްޖެއަށްވެސް އެކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ، ފަތުރުވެރި ކަމަށް ބިނާވެފައިވާ ގައުމަކަށްވުމާއި އެކު ރާއްޖެއަކީ މި ކާރިސާގެ ސަބަބުން އިގްތިސާދަށް ނިސްބަތުން އެންމެ ބޮޑު ލޮޅުމެއް އަރާފައިވާ އެއް ގައުމު ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފެބުރުވަރީ މަހާއި އަޅާބަލާއިރު 1.11 އިންސައްތަ ދަށްވެފައިވާ ކަމަށާއި އަދި މާޗު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 63 އިންސައްތަ ދަށްވެފައިވާ ކަމަށް މިނިސްޓަރު އަމީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދު ކަނޑާލުމާއެކު ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވައިރަސް ފެތުރެމުންދާ ގޮތާއި ދަތުރުފަތުރު އަލުން ހުޅުވާލެވޭނެ ދުވަސް ދެނެގަންނަން ދަތިކަމާއެކު އަހަރުތެރޭގައި ފަތުރުވެރިން ޒިޔާރަތް ކުރާނެމިންވަރު ދެނެގަތުމަށް 5 ސިނާރިއޯއެއް ވަނީ އެކުލަވާލާފައި،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރު އަމީރު ވަނީ ސިނާރިއޯ ތިނެއްގައި ހިމެނޭ މުހިއްމު ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ސިނާރިއޯގައި ވަނީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 50 އިންސައްތައިން ދަށްވާނެ ކަމަށާއި ބެޑްޏައިޓްސް 39 އިންސައްތައިން ދަށްވާނެ ކަމަށް ލަފާކޮށްފައެވެ. އެ ސިނާރިއޯގައި އަންނަ ޖޫން ގެ ނިޔަލަށް އޮން އަރައިވަލް ވިސާ ދޫނުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއްވެސް ވަރަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފައެއް ނުކުރެއެވެ. އޮން އެރައިވަލް ވިސާ އަލުން ދޫކުރަން ފަށާ ފަހުން ތިން މަހުގެ ރިކަވަރީ މުއްދަތެއް ލަފާކޮށްފައިވާއިރު ވައިރަސް ފެތުރުމުގެ ސަބަބުން ކުރިން ޓްރެވަލް ރެސްޓްރިކްޝަން ލެވުނު މާކެޓުތަކުގެ ރިކަވަރީ 97 އިންސައްތައިން ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ.