ލޮކްޑައުންގެ ހާލަތުގައި އިއްޔެ މާލެ ސަރަހައްދުން މަގުމަތީގައި އުޅުނު 95 ފަރާތެއް ޖޫރިމަނާކޮށް 15 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ގެ ޖުމްލަ އަދަދުތަކަށް ބަލާއިރު، ލޮކްޑައުންގެ ހާލަތުގައި ނެރެފައިވާ އުސޫލުތަކާ ހިލާފަށް މަގުމަތީގައި އުލޫނު 95 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އިއްޔެ މަގުމަތީގައި އުޅުނު މީހުންގެ ތެރެއިން 15 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެއަކީ ލޮކްޑައުންގެ ވަގުތުގައި މަގުމަތީގައި އުޅެގެން އެންމެ ގިނަ އަދަދަކަށް މީހަުން ހައްޔަރުކުރި ދުވަހެވެ.
އިއްޔެ ޖުރިމަނާ ކުރި 95 މީހުންގެ އިތުރު ތަފްސީލް ހަމާކުރަމުން ފުލުހުން ބުނީ، އިއްޔެ ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 82 މިހަކާއި ހުޅުމާލެއިން 4 މީހަކާއި ވިލިމާލެއިން 9 މީހެއް ކަމަށެވެ. މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމްލަ އަދަދަކީ 312 ކަމަށް ފުލުހުން ބުނެއެވެ. އެއީ މާލެއިން 280 މީހަކާއި ހުޅުމާލެއިން 16 މީހަކާއި ވިލިމާލެއިން 16 މީހެކެވެ.
މިދިޔަ ބުދަ ދުވަހު 95 މީހަކު ޖޫރިމަނާކޮށް 15 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު މިދޔަ އަންގާރަ ދުވަހު ވަނީ 50 މިހަކު ޖޫރިމަނާކޮށް 5 މީހަކު ހައްޔަރުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު މީހަކު ޖޫރިމަނާކޮށް 4 މީހަކު ހައްޔަރުކޮށްފައި ވެއެވެ. މިދިޔަ އާދިއްތަ ދުވަހު 95 މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ. އާދިއްތަ ދުވަހު އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
މާލެސިޓީ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވާއިރު މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.