ކޮވިޑް19 ފެތުރެމުންދާތީ ރާއްޖެ ލޮކްޑައުންގެ ހާލަަތަށް ގެނެސްފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ހާލުގައި ޖެހެމުންދާތީ މިއަދު މަޖިލީހަށް އިދިކޮޅުން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮލޫގެ ފަރާތުން އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ވިދާޅުވީ، މާލެ ލޮކްޑައުން ކުރިއިރު ރާއްޖޭގެ އެކި ރަށްރަށުން އެކި ބޭނުންތަކަށް މާލެ އައިސް ތިބި މީހުން ނުފުރި ތާށިވެފައި އެބަ ތިބި ކަމަށެވެ. އަދި މާލޭގައި ގެދޮރު ނެތް މީހުން މަގުމަތިވެ ހާލުގައި ޖެެހިފައިވާ ކަމަށެވެ.

މި ގޮތުން މާލޭގައި ނުފުރި ތިބި ރަށްރަށުގެ މީހުން ފުރަން ހަމަޖެހިފައިވާ އުސޫލު ސާފުވެފައި ނުވާ ކަމަށާއި ކުލި ނުދެއްކޭ ހާލަތުގައި ތިބި މީހުނަށް ކުލި ދެއްކުމުގައި ސަރުކާރުން ދޭނެ ލުއިތަކެއް ވެސް ސާފުވެފައި ނުވާ ކަަމަށް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ހުށަހެޅި އެ ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްކުރީ މަޖިލީހުގެ 66 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ލޮކްޑައުންގެ ހާލަތުގައި މާލޭގެ ބައެއް ގޭގެއިން މީހުންނަށް ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލި މައްސަލައެއް ވަނީ އައިސްފައެވެ. އެކަމާ ގުޅިގެން ރޭ ކޮވިޑްއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީވެވސް ވަނީ މި ދަނޑިވަޅުގައި އެހެން ނުހެދުމަށް ގޮވާލާފައެވެ. އަދި މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ 87 ފަރާތަކަށް ޖެންޑާ މިނިސްޓޤރީން އެހިތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.