ކޮވިޑް19 ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ލޮކްޑައުން އާ ގުޅިގެން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.
ބޭންކް އިއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ މިހާރު ޖަމާކުރެވޭނެ ކަމަށާއި އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.
ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ބޭންކުން އެންމެ އިސްކަންދޭ ކަމަކަށްވާއިރު ލޮކްޑައުން މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މިދުވަަސްވަރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބީއެމްއެލްއިން ބުނީ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ.
މާލެއިން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލެ ސިޓީ ވަނީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުން ކޮށްފައެވެ. އަދި މި ހާލަތުގައި ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. މި ހާލަތުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.