ވެހިކަލްތަކުގައި ޑެލިވަރީ ކުރަން ޖުމްލަ 3868 ހުއްދަ ދެވިއްޖެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮޕް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ނަވީން މިހެން ވިދާޅުވީ ރޭ ކޮވިޑާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ވެހިކަލްތަކުގައި ޑެލިވަރީ ކުރުމުގެ ހުއްދަ ދެވިފައިވާ އިރު އޭގެ ތެރޭގައި އިއްޔެ ހުޅުމާލެ ސަރަހައްދުން 20 ފަރާތަކަށް ދިން ހުއްދަ ވެސް ހިމެނެއެވެ. އަދި މާލެ ސަރަހައްދުން 175 ހުއްދައެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ޖުމްލަ ކޮށް މިހާރު ވަނީ 3868 ފަރާތަަކަށް ހުއްދަ ދެވިފައި ކަމަށާއި ޑެލިވަރީ ކުރާ ބައެއް ތަންތަނަށް ދޭއް ނުވަތަ ތިން ހުއްދަ ދެވިފައި ވާނެ ކަަމަށް ނަވީން ވިދާޅުވިއެވެ. އެގޮތުން ޑެލިވަރީ ކުރުމުގެ ހުއްދަ ދިނުމުގައި ބަލަނީ އެ ތަނެއްގެ ކުޑަބޮޑު މިނަށް ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން ޑެލިވަރީ ސާވިސް ކޮށްދިނުމުގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ނަންބަރުތަކަށް ގުޅުމުން އެ އެއްޗެހި ނުލިބޭ ކަމުގެ މައްސަލަ ރިޕޯޓު ކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި ޑެލިވަރީ ކޮށްގެން ތަކެތި ލިބޭ އިރު ބައެއް އެއްޗެތި މަދުން ގެނެސްދޭ މައްސަލަ ވެސް ރިޕޯޓު ކޮށްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ. އެފަދަ މައްސަލައެއް ރިޕޯޓުކުރާ ނަަމަ 1211 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ނަވީން ވަނީ އެދިވަޑައިގެންފައެެވެ.

މާލެސިޓީ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވާއިރު މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.