މާލެއިން ކޮވިޑް ބަލި ފެތުރެން ފެށުމާއެކު ލޮކްޑައުން ކުރި ފަހުން މަގުމަތީގައި އުޅެގެން މިހާތަނަށް 209 ފަރާތެއް ޖޫރިމަނާ ކޮށްފި ކަމަށް އެސިސްޓަންޓް ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ، މަގުމަތީގައި އުޅެގެން މިހާތަނަށް ޖުމްލަ 209 ފަރާތެއް ޖޫރިމަނާ ކުރި ކަމަށާއި އިއްޔެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ވަގުތާ ހަމައަށް 30 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ހުއްދަ ނެތި މަގުމަތީގައި އުޅުނު ފަރާތްތަކުގެ ތެރެއިން 4 ފަރާތެއްގެ މައްސަލަ ބެލުމަށް އެމީހުން ހައްޔަރު ކުރެވިފައި ވާކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން ނަވީން ވިދާޅުވީ މަގުމަތީގައި އުޅެގެން ބަންގްލަދޭޝްގެ 71 ފަރާތެއް ވަނީ މާލޭގައި ހުންނަ ބޯހިޔާވަހިކަމުގެ ފެސިލިޓީއަކަށް ގެންގޮސްފައި ކަމަށާއި، އަދި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތިގެން މަގުމަތީގައި އުޅުނު 43 ފިރިހެނުންނާއި އެއް އަންހެންނަކު ފެނިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަަކަށް ކާބޯތަކެއްޗާއި ބޭނުންވާނެ އެހެނިހެން ތަކެތި ކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާ އެކު އެ ފޯރުކޮށްދެމުން ދާ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސެވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެފައި ވަނީ، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރަން ފަށްޓަވާނެ ކަމަށާއި، މީގެފަހުން ފުލުހުން ދެން ނަސޭހަތް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރަށް ނިކުތުމުގެ ހުއްދަ ދީފައިވާ މީހެއް ނަމަވެސް ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭނަމަ އެކަކު ވެސް މިކަމުގައި އިސްތިސްނާ ނުކުރާނެ ކަމަށް ފައިރޫޝް ވިދާޅުވެފައި ވެއެވެ.

ލޮކްޑައުންގެ މި ހާލަތުގައި ގެތަކަށް ބޭނުންވާ ކާބޯތަކެތި ފޯރު ކޮށްދިނުމަށް އަދިވެސް ޑެލިވަރީގެ ހިދުމަތް އޮންނަން ޖެހޭ ކަމަށާއި، ނަމަވެސް ޒަރޫރީ ބައެއް ބޭނުންތަކަށް ބޭރަށް ނިކުންނަން ކޮންމެވެސް ވަރަކަށް މީހުންނަށް ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައިރޫޝްވަނީ ވިދާޅުވެފައެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށުމާއެކު މާލެ ލޮކްޑައުން ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށް ފަހު މުޅި ރާއްޖެވެސް ވަނީ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައެވެ. މިހާލަތަށް ގެންގޮސްފައި ވީ ނަމަވެސް އަދިވެސް މާލެތެރޭގައި ހުއްދައާ ނުލައި ބައެއް މީހުން ހަރަކާތެރިވަމުން ދާ ކަން ވަނީ ފާހަގަ ވެފައެވެ.