ލަންކާ އިން 8 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަންގެ ފްލައިޓުގައި 8225 ކިލޯ ކާގޯ، ލަންކާ އިން ރާއްޖެއަށް ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއީ ލަންކާ އިން ކާގޯ ގެނައި ތިންވަނަ ފަހަރެވެ.

ސަރުކާރުން ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކުން ރާއްޖެއަށް ކާގޯ ގެނެސްފައެވެ. އެގޮތުން ދުބާއީން 7 ޓަނުގެ ކާގޯއާއި ތައިލެންޑުން 12 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައި ވެއެވެ. އަދި މީގެ ކުރިންވެސް ވަނީ 10 ޓަނުގެ ކާގޯ ތައިލެންޑުން ރާއްޖެ ގެނެސްފައެވެ.

މޯލްޑިވިއަނުން ވަނީ، އިންޑިއާ، ބެންކޮކް އަދި ދުބާއީ ފަދަ ތަންތަނުން މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބައެއް ގައުމުތައް މިހާރު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަނީ ދަތިތަކާ ކުރިމަތި ވެފައެވެ. އެގޮތުން ރާއްޖެއަށް މުދާ ގެނައުމުގައި ދަތިނުވާނެ ގޮތް ހެދުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ އިތުރު ފްލައިޓްތައް ވެސް ބާއްވަން ނިންމައިފައެވެ.