ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތެލުގެ އަގު ސުން ރޭޓަށް ވުރެ ދަށުގައި އޮތުމަށްފަހު، ފީފާއެއްގެ އަގު 1 ޑޮލަރަށް އުފުލިއްޖެއެވެ.

ހޯމަ ދުވަހުގެ އަގުތަކާ އަޅާ ބަލާއިރު 100 ޕަސެންޓް އުފުލި، އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 1.65 ޑޮލަރަށް އަރާފައެވެ. މިއާއެކު ޖޫން މަހުގެ ޝިޕްމަންޓްގެ އަގުތަކުން 4.5 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ 21.35 ޑޮލަރަށް އުފުލިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް ދަށަށް ގޮސްފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އެތައް ބިލިއަން ބަޔަކު ގެތަކުގައި ބަންދުވެ، އިގުތިސޯދީ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް އައިސްފައި އޮތް އޮތުމުގެ ސަބަބުންނެވެ.

މުރާސިލުން ލަފާކުރާ ގޮތުގައި ހޯމަ ދުވަހު ތެލުގެ އަގުތަށް ސުން ރޭޓަށްވުރެ ދަށަށް ދިޔައީ، މޭމަހަށް ކަނޑައެޅި ޝިޕްމަންޓްގެ ވިޔަފާރި މުހުލަތު މިއަދުގެ ނިޔަލަށް ހަމަވާތީއެވެ.