ދ.ކުޑަހުވަދޫ ކަރަންޓީންގެ ހާލަތަށް ގެންގޮސްފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ ކުޑަހުވަދޫ ކަރަންޓީންގެ ހާލަތަށް ގެނައުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

އެއީ އެޗްޕީއޭން ބަލަންޖެހޭ ބެލުންތަކެއް ބެލުމަށްޓަކައި ކަމަށާއި އެ ރަށް ކަރަންޓީންގެ ހާލަތަށް ގެނެވިފައިވާ ކަމަށް އަޑުގަދަކުރާއިން ގޮވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކުޑަހުވަދޫ ކަރަންޓީންގެ ހާލަތަށް ގެނެވިފައިވާއިރު، މައުލޫމާތު ލިބޭގޮތުގައި އެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެންނެވެ. އެ މީހާގެ ސާމްޕަލް ނެގި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން ވަނީ ޖުމްލަ 67 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައިވާއިރު، މި ބައްޔަށް މިހާރު 49 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 24 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 23 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އިއްޔެ 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި މިއަދު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައެވެ.