ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބެކްލޮގެއް އުޅޭ ކަމަށް ފުރަތަމަ ފަހަރަށް ބުނެފިއެވެ.

މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ، ހަގީގަތުގައި އެޗްޕީއޭގެ ކުޑަ ބެކްލޮގެއް އުޅޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ، އެޗްޕީއޭ އިން މިހާރު ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކަށް ގުޅާނެ ކަމަށް ބުނެ އެޗްޕީއޭއިން ހަބަރަށް ނުވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

މަބްރޫކް ވިދާޅުވީ، ކޮންމެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދޭ ނަންބަރުތަކުން ވެސް ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދު ގިނަކަން ފާހަގަ ވާނެ ކަމަށެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ ހޯދުމަށް އިތުރު މެޝިނެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެޓެންޑް ނުވެވި ތިބި ފަރާތްތަކަށް ގުޅާ، ހާލަތު އޮޅުން ފިލުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ނެގެޓިވް ނަތީޖާތައް އިންފޯމް ކުރުމުގައި ޑިލޭއެއް އުޅޭ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާއާއި މަބްރޫކް މިފަދައިން ވިދާޅުވެފައި ވާއިރު، އެޗްޕީއޭއިން ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ގަދައަށް ފެތުރެމުން ދިއުމާ ގުޅިގެން އެޗްޕީއޭއިން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިތުރު މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މާލެ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 47 މީހަކު އެޗްޕީއޭން ވަނީ ދެނެގަނެފައެވެ. އަދި މި މީހުންނާއި ކޮންޓެކްޓްވި 900 އަށް ވުރެ ގިނަ މީހުން ވެސް ވަނީ ދެނެގަނެވިފައެވެ.