އާސަންދައާއި ޒަކާތު ފަންޑުން ބޭރުގައި ތިބި ދިވެހިންނަށް 4.4 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ބޭރުގައި ތިބި ދިވެހިންނަށް އާސަންދަ މެދުވެރިކޮށް 1.9 މިލިއަން ރުފިޔާ އަދި ޒަކާތު ފަންޑު މެދުވެރިކޮށް 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ފޮރިން މިނިސްޓްރީއާ އެހެނިހެން ގޮތްގޮތުން ބޭރުގައި ތިބި ދިވެހިންނަށް އެހީވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ބައެއް ގައުމުތަކުގައި ތިބި ދިވެހިން ވަނީ މިހާރު ރާއްޖެ ގެނެސްފައެވެ. އެގޮތުން، ރެސްކިއު ފްލައިޓުތައް އަޅައިގެން، ލަންކާ، އިންޑިއާ މެލޭޝިއާ އަދި ނޭޕާލްގެ އިތުރުން ބަންގްލަދޭޝްގައި ތިބި ދިވެހިން ވަނީ މިހާރު ރާއްޖެ ގެނެސްފައެވެ.

ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާއިރު، އެ ފަރާތްތައް ރާއްޖެ އައިސް، ޖެހެނީ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާށެވެ. އެގޮތުން، މިހާރު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާއެކު، ކަރަންޓީނު ފެސިލިޓީތަކުގެ ދަތިކަން ވެސް ވަނީީ ކުރިމަތިވެފައެވެ. އެހެން ކަމުން ފެސިލިޓީތަކުން ޖާގަ ހުސްވާ ވަރަކުން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން ވަނީ ޖުމްލަ 67 ޕޮޒިޓިވް ކޭސް ފެނިފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައިވާއިރު، މި ބައްޔަށް މިހާރު 49 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 24 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 23 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އިއްޔެ 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި މިއަދު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައެވެ.