ލޮކްޑައުންއަށް ހުރުމަތްތެރިކޮށް ނުހިތި 95 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުންނާ ހަވާލާދީ މިކަން ހާމަކޮށްފައި ވަނީ މިހާރު އޮންލައިންކޮށް ކުރިއަށްދަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރުމާ ގުޅިގެން ފުލުހުން ކޮށްފައިވާ އިލްތިމާސްތަކާއި ނަސޭހަތްތަކަށް ކަމޭ ނުހިތި 95 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައި ވާއިރު، ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާކުރަން ފަށާނެ ކަމަށާއި، މީގެފަހުން ފުލުހުން ދެން ނަސޭހަތް ނުދޭނެ ކަމަށެވެ. އަދި ބޭރަށް ނިކުތުމުގެ ހުއްދަ ދީފައިވާ މީހެއް ނަމަވެސް ހުއްދަ ނެތް ސަރަހައްދެއްގައި އުޅޭނަމަ އެކަކު ވެސް މިކަމުގައި އިސްތިސްނާ ނުކުރާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ ލޮކްޑައުންގެ މި ހާލަތުގައި ގެތަކަށް ބޭނުންވާ ކާބޯތަކެތި ފޯރު ކޮށްދިނުމަށް އަދިވެސް ޑެލިވަރީގެ ހިދުމަތް އޮންނަން ޖެހޭ ކަމަށާއި، ނަމަވެސް ޒަރޫރީ ބައެއް ބޭނުންތަކަށް ބޭރަށް ނިކުންނަން ކޮންމެވެސް ވަރަކަށް މީހުންނަށް ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މާލެސިޓިގެ ލޮކްޑައުންގެ ހާލަތުގައި މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާއިރު، މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ފައިރޫޝް ވަނީ ވިދާޅުވެފައެވެ.

ފައިރޫޝް ވިދާޅުވީ، ލޮކްޑައުންގެ މި މުއްދަތުގައި ބޭރަށް ނުކުތުމަށް ދެވޭ ހުއްދައަށް ގެނެވުނު ބަދަލާއެކު ސޯޝަލް ޑިސްޓަންސިންއަށް ފަސޭހަވެގެން ދާނެ ކަމަށާއި ޑެލިވަރީ ކުރަމުންދާ ފިހާރަތަކަށްވެސް ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ. ފައިރޫޝް ވިދާޅުވީ ލޮކްޑައުން ކުރިފަހުން ޒަރޫރީ ބޭނުންތަކުގައި ކުރިންވެސް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުންއައި ގޮތަށް ވެބް ޕޯޓަލް މެދުވެރިކޮށް ގެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ހަމަަޖެހިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހުއްދަ ލިބިގެން ދާއިރު ކޮންމެ ފަރާތެއްގެ ފޯނަށް ލިބޭ މެސެޖުގައި ހުއްދަ ދެވޭ ވަކި ވަގުތަކާއި ބޭރުގައި އުޅެވޭނެ ވަކި ސަރަހައްދެއް އަންގާނެ ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ. އެގޮތުން ވިޔަފާރި ކުރަން ދެވޭނީވެސް ކަނޑައެޅިފައި ހުންނަ ވަކި ފިހާރަތަކަކަށެވެ.

ހަމައެއާއެކު ފޯނަށް ކިއުއާރް ކޯޑަކާއި ނަންބަރެއް ލިބިގެން ދާނެ ކަމަށާއި އޭގެ ސަބަބުން މަގުމަތި ޕެޓްރޯލް ކުރަން އުޅޭ ފުލުހުންނަށް އެ ކިއުއާރްކޯޑް ސްކޭންކޮށްލައިގެން ފަސޭހަ ކަމާއެކު އެމީހަކަށް މަގުމަތީގައި އުޅެވޭނެ ސަރަހައްދަކާއި ވަގުތު އެނގިގެން ދާނެކަމަށް ފައިރޫޝް ވިދާޅުވިއެވެ. އެގޮތުން ހުއްދަ ލިބިފައި އޮތަސް ދާން ނުޖެހޭ ޒޯނަކަށް އެމީހަކު ގޮސްފިނަމަ ފުލުހުންނަށް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.