ނޭޕާލް އަދި ބަންގްލަދޭޝްގައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މިއަދު ރާއްޖެ އައިސްފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި 71 ދިވެހިން އައިސްފައިވެއެވެ. އެއީ ނޭޕާލުން އައި 18 ދިވެހިންނާ، ބަންގްލަދޭޝްގެ އެކި ސިޓީތަކުން އައި 53 ދިވެހިންނެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒް ވުމަށް ގޮސްތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ.
އެދަރިވަރުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބީ ކޮވިޑް-19 އާ ގުޅިގެން އެގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނާނެ އިތުރު މަގެއް ނެތުމާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، މިއަދު އައި ފްލައިޓްގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގްލަދޭޝްގެ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވަނީ ރާއްޖެއަށް އައިސްފައި ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19 ރާއްޖޭގައި ފެނި، ސިއްހީދާއިރާއިން ރާއްޖެއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް މިދެއްވި ދީލަތި އެހީތެރިކަން ރާއްޖެއިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްއިން އައި ފްލައިޓްގައި ރާއްޖެއަށް އައުމަށް ނޭޕާލުގައި ތިބި ދަރިވަރުން ބަންގްލަދޭޝްއަށް ދިޔުމަށް ބޭއްވި ހާއްސަ ފްލައިޓްގެ ކަންތައްތައް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ނޭޕާލް ސަރުކާރަށްވެސް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ ދިވެހިން އަނބުރާ ގެނައުމާއި މެޑިކަލް ޓީމެއް ފޮނުވައިދެއްވިކަމަށްޓަކައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ހާރިޖީ ވަޒީރު ޑރ. އޭ.ކޭ. އަބްދުލް މޮމެން އާއި، އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަޒީޒް އަހުމަދާއި ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.