ކޮވިޑް19 އާއި ގުޅިގެން އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައި ވަނިކޮށް ކުޅުދުއްފުއްޓަށް އެރި ބަޔަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުއްދަ ނުހޯދައި މިއަދު ހދ. ނޮޅިވަރަމްގެ ހުޅަނގު ފަރާތުން ކެނޯއެއްގައި ދެ މީހަކު ކުޅުދުއްފުށީ ސިޓީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ކޮޅުން ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ، ކުޅުދުފުއްޓަށް އަރާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައި އޮތް ހާލަތެއްގައި ހިނގާފައިވާ ކަމެކެވެ.

ފުލުހުން ބުނީ މި ދެ މީހުންނަށް އެއްވެސް އަނިޔާއެއް ލިިބިފައި ނުވާ ކަމަށެވެ. އަދި މިދެމީހުން ކެނޯގައި ދަތުރު ކޮށްފައި ވަނީ ކެނޯގެ ވެރި ފަރާތުގެ ހުއްދައާއި ނުލާކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އުމުރުން 23 އަހަރާއި އަދި 30 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.