މާލެ ލޮކްޑައުންގައި އޮތް މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ދެވޭނެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމަުން ފައިރޫޝް ވިދާޅުވީ، ލޮކްޑައުންގެ މި މިއްދަތުގައި ބޭރަށް ނުކުތުމަށް ދެވޭ ހުއްދައަށް ގެނެވުނު ބަދަލާއެކު ސޯޝަލް ޑިސްޓަންސިންއަށް ފަސޭހަވެގެން ދާނެ ކަމަށާއި ޑެލިވަރީ ކުރަމުންދާ ފިހާރަތަކަށްވެސް ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ.

ފައިރޫޝް ވިދާލުވީ، ލޮކްޑައުން ކުރިފަހުން ޒަރޫރީ ބޭނުންތަކުގައި ކުރިންވެސް ބޭރަށް ނުކުތުމުގެ ހުއްދަ ދެމުންއައި ގޮތަށް ވެބް ޕޯޓަލް މެދުވެރިކޮށް ގެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ހަމަަޖެހިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހުއްދަ ލިބިގެން ދާއިރު ކޮންމެ ފަރާތެއްގެ ފޯނަށް ލިބޭ މެސެޖުގައި ހުއްދަ ދެވޭ ވަކި ވަގުތަކާއި ބޭރުގައި އުޅެވޭނެ ވަކި ސަރަހައްދެއް އަންގާނެ ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ. އެގޮތުން ވިޔަފާރި ކުރަން ދެވޭނީވެސް ކަނޑައެޅިފައި ހުންނަ ވަކި ފިހާރަތަކަކަށެވެ.

ހަމައެއާއެކު ފޯނަށް ކިއުއާރް ކޯޑަކާއި ނަންބަރެއް ލިބިގެން ދާނެ ކަމަށާއި އޭގެ ސަބަބުން މަގުމަތި ޕެޓްރޯލް ކުރަން އުޅޭ ފުލުހުންނަށް އެ ކިއުއާރްކޯޑް ސްކޭންކޮށްލައިގެން ފަސޭހަ ކަމާއެކު އެމީހަކަށް މަގުމަތީގައި އުޅެވޭނެ ސަރަހައްދަކާއި ވަގުތު އެނގިގެން ދާނެކަމަށް ފައިރޫޝް ވިދާޅުވިއެވެ. އެގޮތުން ހުއްދަ ލިބިފައި އޮތަސް ދާން ނުޖެހޭ ޒޯނަކަށް އެމީހަކު ގޮސްފިނަމަ ފުލުހުންނަށް އެނގިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުއްދަ ލިބޭ ޒޯންތައް ފެންނަ ޗާޓެއް

މާލެ ސަރަހައްދު އެގޮތުން ބަހާލެވިފައި ވަނީ 26 ސެކްޓާއަކަށް ކަަމަށާއި ސެކްޓާތައް ބެހުމުގައި މާލޭގެ އާބާދީއަށާއި ނިސްބަތުން ފިހާރަތައް ހުރި ސަހައްދަުތައް ބަލައިގެން ސެކްޓާތައް ކަނޑައަޅާފައި ވަނީ އެއްޗެހި ގަންނަންދާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށް ފައިރޫޝް ވިދާޅުވިއެވެ.

މާލެ ލޮކްޑައުންކޮށްފައި މިދިޔަ ބުދަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެ، މާލެއިން ގައިންގަޔަށް މި ބަލި ފެތުރެން ފެށުމާއެކީގައެވެ. ލޮކްޑައުންގެ މި ހާލަތުގައި 2688 ފަރާތަަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެތައް ބަޔަަކަށް ޒަރޫރީ ތަކެތި ލިބުމުގައި ދަތިތަކެއް އުޅޭތީ އެތައް ބަޔަކަު އަންނަނީ ޝަކުވާކުރަމުންނެވެ. ލޮކްޑައުންގެ މިހާލަތުގައި މިއަދު ފުލުހުންވަނީ 92 ފަރާތެއް އެޗްޕީއޭގެ އެންގުމާ ހިލާފަށް މަގުމަތީގައި އެޅުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިއަދު އެކަކު ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.