މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ އެންމެން އައިސޮލޭޓް ވާން ނުވަތަ އެކަހެރި ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެއިން، ގުޅިފަޅު އަދި ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެކަހެރިވުމަށް އަންގާ ކަމަށެވެ.

އެޗްޕީއޭން ބުނީ، މާލެ ސަރަހައްދުން ވައިގެ މަގުން ނުވަތަ ކަނޑުގެ މަގުން އުޅަނދުފަހަރު މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް ދަތުރުކުރާ އުޅަނދެއްގައިވާ މީހަކު މާލެ ސަރަހައްދަށް ފައިބައިފިނަމަ، އެ މީހަކު ވެސް އޭނާ ދިރިއުޅޭ ރަށަށްދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭން ވަނީ، މި އެންގުންތަކަށް ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމަލު ކުރާކަން ލޯކަލް ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދަށް މުދާ އުފުލުމުގެ ކަންކަމުގައި ދަތުރުކުރާ ފަރާތްތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭން ވަނީ އަންގާފައެވެ.

އެޗްޕީއޭން މިހެން އަންގާފައިވާއިރު، މާލެ ސަރަހައްދު ވަނީ ރެޑް އެލާޓަށް ގެނެސްފައެވެ. އަދި މި ސަރަހައްދުން ވަނީ 15 ޕޮޒިޓިވް ކޭސް ފެނިފައެވެ.