އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގައި ތިބި ދިވެހި އާއިލާތަަކަށް ފޮނުވި ހުރިހާ ކެއާޕެކޭޖްތައް އެ އާއިލާތަކާ ހަވާލުކޮށް ނިމިއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް، އެއާއިލާތަކަށް ކެއާޕެކޭޖްތައް ފޮނުވުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވި ކެއާ ޕެކޭޖްތައް އާއިލާތަކާ ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.
ސްރީލަންކާއަށް ފޮނުވި 622 ކެއާޕެކޭޖް އާއިލާތަކާ ހަވާލުކޮށް ނިމިފައިވަނީ މިއަދު ކަމަށް ފޮރިން މިނިސްތްރީން ބުނެއެވެ. އެގޮތުން ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި އާއިލާތަަކށް ކެއާ ޕެކޭޖް ހަވާލުކޮށްފައި ވަނީ ހަފްތާއެއްހާ ދުވަސްކުރިން ކަމަށާއި، ބާކީ ހުރި ޕެކޭޖްތައް ކޮލަންބޯއާ ދުރުގައިވާ ސިޓީތަކަށް ގެންގޮސްްދެއްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ފޮނުވި 144 ކެއާޕެކޭޖްވެސް ވަނީ އާއިލާތަކާ ހަވާލުކޮށްފައި ކަމަށާއި މެލޭޝިއާއަށް ފޮނުވި 452 ކެއަރޕެކޭޖްގެ ތެރެއިން ކުއާލަލަމްޕޫރު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ހުރިހާ ޕެކޭޖެއް މިހާރު ވަނީ ހަވާލުކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ކުއާލަލަމްޕޫރުން ބޭރުގައި ދިރިއުޅޭ 14 އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
ހަމައެއާއެކު ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ބެންކޮކަށް ގެންދެވިފައި ވަނީ ހަފްތާ ބަންދާ ދިމާކޮށް ކަމަށްވުމުން، ހަފްތާ ބަންދު ނިމުމުން ކަސްޓަމުން ކްލިއާކޮށް، މިހަފްތާ ތެރޭ އާއިލާތަކާ ހަވާލުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކެއާޕެކޭޖް ފޮނުވުމަށް ހަމަޖެއްސި ޔޫއޭއީއަށް އަދި ކެއާ ޕެކޭޖް ގެންދެވޭ ގޮތެއް ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ދިޔަ ބުދަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ޔޫއޭއީން އަށް ފިނުވާ ކެއާޕެކޭޖްތައް ބަލައިގަތުން ވަނީ ފަސްކުރެވިފައެވެ. އަދި ތަކެތި ބަލައިގަންނާނެ ތާރީހެއް ފަހުން އިއުލާންކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
ކެއާޕެކޭޖްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށާއި ތަކެތި ފޮނުވާ ގައުމުތަކުގެ ސިޓީތަކަކީ ލޮކްޑައުންގައި އޮތް ސިޓީތަކެއްކަމުން، އެތަކެތި ހަވާލު ކުރަނީ އެގައުމުތަކުގެ ސަރުކާރުތަކުން ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.