ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސިއްހީ ސާމާން ދުބާއީ އިން ރާއްޖެއަށް ރޭގެ ވަގުތެއްގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަލައިޓުން ގެނެސްފިއެވެ.

މޯލްޑިވިއަންއިން ބުނީ މިފަހަރު ދުބާއީ އިން ރާއްޖެއަށް 5 ޓަނުގެ ތަކެތި ގެނެސްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ގިނައިން ހިމެނެނީ ސިއްހީ ސާމާނުތަކެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ދުބާއީ އިން ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގަ ސިއްހީ ސާމާނު ގެނެސްފައި ވާއިރު، މީގެ ކުރިންވެސް ދުބާއީ އިން ވަނީ ރާއްޖެއަށް ބޭނުންވާ އެކި ސާމާނުތައް ގެނެސްފައެވެ. އެގޮތުން ދުބާއީ އިން މީގެކުރިން ވަނީ 7 ޓަނުގެ ކާގޯ ގެނެސްފައެވެ. މޯލްޑިވިއަން އިން ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކުން ރާއްޖެއަށް ކާގޯ ގެނެސްފައެވެ. އެގޮތުން މޯލްޑިވިއަންގެ ފްލައިޓުން ވަނީ ތައިލެންޑުންނާއި، ސްރީލަންކާ އިން ވެސް ކާގޯ ގެނެސްފައެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބައެއް ގައުމުތައް މިހާރު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މޯލްޑިވިއަން އިން އަންނަނީ އެކި ގައުމުތަކަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ. މޯލްޑިވިއަނުން ބުނީ ކާގޯ ފްލައިޓުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑްގެ އިތުރުން ޔޫއޭއީއަށް ކަމަށެވެ.