މާލެ ސަރަހައްދުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އަކީވެސް ކޭސް 29 (ރޭގައި ޕޮޒިޓިވް ވި 9 ވަނަ މީހާ) އާ ކޮންޓެކްޓް ވި މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ދިހަވަނަ މީހާ ކަމަށައި މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިއަދު މިހާތަނަށް 2 މީހަކު ޕޮޒިޓިވް ވެގެން އިއުލާނު ކޮށްފައި ވާއިރު މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 31 އަށް އެރީއެވެ.

ފާއިތުވި ދެ ދުވަސް ތެރޭގައި މާލެ ސިޓީން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 9 މީހަކު ފެނިފައެވެ. މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އަންހެނެކެވެ.

މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑިލް ރިސްކް ކަމަށް ފަހަނގަ ކުރެވުނު އެންމެން ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 50 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 300 އަށްވުރެ ގިނަ މީހަކު ފާހަގަ ވެފައިވާ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

މާލެ ތެރޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ރެޑް އެލާޓަށް ގެނެސްފައެވެ. އަދި ރާއްޖޭގެ އެހެން ރަށްތައް މިހާރު އޮތީ އޮރެންޖް އެލާޓުގައެވެ. އަދި މިހަރު މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފުރަތަމަ ފެނި ޕޮޒިޓިވް ވަމުން ދިޔައީ މުޅިންވެސް ރާއްޖޭގައި ތިބި ބޭރު މީހުންނެވެ. އެންމެ ފުރަތަމަ ދިވެއްސަކު ޕޮޒިޓިވް ވެގެން ރިޕޯޓު ކުރީވެސް ޔޫކޭއިން ރާއްޖެ އައި ކޭސް އެކެވެ. އެ ހުރިހާ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެއް ނަމަވެސް މިހާރު މާލެ ތެރެއަށް ކޮވިޑް-19 މިވަނީ ފެތުރިފައެވެ. މާލެ ތެރެއަށް ބަލި އައި ސޯސް ނުވަތަ ގޮތް ނުހޯދިގެން އުޅޭއިރު ފާއިތުވި 3 ދުވަސް ވެފައިވާއިރު، މިހާތަނަށް މާލއެިން އެކަނި 11 މީހަކު މި ވަނީ ޕޮޒިޓިވްވެފައެވެ.