ރާއްޖޭގައި މިހާރު 100އާ ގާތްކުރާ ވަރަށް ކޮވިޑް-19ގެ ކޭސްތައް އުޅޭނެ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ޑރ. ޝީނާ މިފަދައިން ވިދާޅުވީ މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މިހާރު 60 އާއި 100 އާ ގާތްކުރާ މިންވަރަކަށް ކޮވިޑް-19ގެ ކޭސްތައް އުޅޭނެ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ، 75 ޕަސެންޓް ކޮމްޕްލިއަންސް ކަމަށް ޕްރޮޖެކްޓް ކުރީ، ކޮންޓެއިންމަންޓަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނީ ކިހާވަރަކަށްތޯ ނުވަރަ އެ ރޫލްސްތައް ފޮލޯކޮށްގެން އުޅޭނީ ބެލުމަށް ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ ގައިދުރުކަމަކީ ބަލި ފެތުރިގެންދާ ސްޕީޑަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ މުޖުތަމައު ތެރޭގައި ކޮވިޑް-19 އުޅޭ ކަމަށާއި، މިހާތަނަށް ފެނުނީ 10 ވަރަކަށް ކޭސް ކަމުގައި ވިޔަސް، އޭގެ މާނައަކީ އޭގެ 6 ގުނަ ރާއްޖޭގެ އުޅޭނެ ކަމަށެވެ. އެހެންވީމަ 60 އަށްވުރެ ގިނަ 100 އާ ގާތް ކުރާ މިންވަރަށް ރާއްޖޭގައި މިބަލި އުޅޭނެ ކަމަށާއި ކޮންމެ ފަރާތަކީވެސް ރިސްކުގަ ހުރި ފަރާތެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޝީނާ ވިދާޅުވީ ހާއްސަކޮށް، ކޮންޓެކްޓް ޓްރޭސިންގެ އަދަދުތައް އެހާ ބޮޑުވީމަ މި ބަލީގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ.
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ މި ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެންނެވެ. އެ ގޮތުން މާލެ ސަރަހައްދު ވަނީ މިހާރު އެލާޓް ލެވެލް "ރެޑް" އަށް މަތިކޮށްފައެވެ. މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ފާއިތުވި 3 ދުވަހުގެ ތެރޭގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި 8 ދިވެހިން މާލެއިން ފެނިފައެވެ. އަދި އެމީހުން ގަޔަށް މި ބަލި އަރާފައިވާ ސޯސް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ 28 މީހެކެވެ.