ބޭރުގައި އުޅެގެން 7 މިނެޓް ތެރޭގައި 74 މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިހާރު އޮންލައިން ކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. އޭނާ ވިދާޅުވީ، 7 މިނިޓް ތެރޭގައި 74 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ބޭރަށް ނިކުމެ އުޅޭ ފަރާތްތަކާ މެދު އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ފުލުހުން ބުނީ، މިރޭ 8:30 އިން ފެށިގެން ބޭރުގައި އުޅޭނަމަ ނަސޭހަތްތެރިވުމަށްފަހު ގެއަށް ނުފޮނުވާ، ޖޫރިމަނާ ނުވަތަ ހައްޔަރު ކުރާނެ ކަމަށެވެ.
ފުލުހުން ބުނީ، ބޭރުގައި އުޅެނިކޮށް ފެންނަ ފުރަތަމަ ފަހަރު އެޗްޕީއޭން ކަނޑައަޅާފައިވާ 1000 ރުފިޔާގެ ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ފެންނަ މީހުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރާނެ ކަމަށެވެ.
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ މި ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެންނެވެ. އެ ގޮތުން މާލެ ސަރަހައްދު ވަނީ މިހާރު އެލާޓް ލެވެލް "ރެޑް" އަށް މަތިކޮށްފައެވެ.
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ފާއިތުވި 3 ދުވަހުގެ ތެރޭގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި 8 ދިވެހިން މާލެއިން ފެނިފައެވެ. އަދި އެމީހުން ގަޔަށް މި ބަލި އަރާފައިވާ ސޯސް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ 28 މީހެކެވެ.