7 ވަނަ މީހަކު ކޮވިޑް-19 އަށް މާލޭން ޕޮޒިޓިވް ވެއްޖެ އެވެ. ކޭސް 27 ގެ ގޮތުގައި ނަން ދީފައިވާ އެ ކޭސްގައި ޕޮޒިޓިވް ވީ ކާކު ކަމެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއްކަމަށް ވަނީ ބުނެފައެވެ.
މިއަދު މިހާތަނަށް 3 މީހަކު ޕޮޒިޓިވް ވެގެން އިއުލާނު ކޮށްފައި ވާއިރު މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 27 އަށް އެރީއެވެ.
ފާއިތުވި ދެ ދުވަސް ތެރޭގައި މާލެ ސިޓީން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 7 މީހަކު ފެނިފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ވެސް ހިމެނެއެވެ. މާލެއިން ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މި ކޭސްގެ ކޮންޓެކްޓް ޓްރޭސިން ރާއްޖޭގެ އުތުރާއި ދެކުނަށް ދަމާލާފައިވާއިރު، ރޭ އެޗްޕީއޭން ވަނީ ރާއްޖޭގެ ހުރިހާ ރަށަކުން އަރާފޭބުން މަނާކޮށްފައެވެ.
މި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހައި ރިކްސް އަދި މިޑިލް ރިސްކް ކަމަށް ފަހަނގަ ކުރެވުނު އެންމެން ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ޖުމްލަ 22 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 207 މީހަކު ފާހަގަ ވެފައިވާއިރު، ކޭސް 23ގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 35 މީހަކު ވަނީ ފާހަގަ ވެފައެވެ. އަދި މީގެ ތެރެގައި ހިމެނޭ ލޯ ރިސްކް މީހުން ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ.
މާލެ ތެރޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ ރެޑް އެލާޓަށް ގެނެސްފައެވެ. އަދި ރާއްޖޭގެ އެހެން ރަށްތައް މިހާރު އޮތީ އޮރެންޖް އެލާޓުގައެވެ. އަދި މިހަރު މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފައެވެ.
ރާއްޖެއިން ކޮރޯނާވައިރަސް ފުރަތަމަ ފެނި ޕޮޒިޓިވް ވަމުން ދިޔައާީ މުޅިންވެސް ރާއްޖޭގައި ތިބި ބޭރު މީހުންނެވެ. އެންމެ ފުރަތަމަ ދިވެއްސަކު ޕޮޒިޓިވް ވެގެން ރިޕޯޓު ކުރީވެސް ޔޫކޭއިން ރާއްޖެ އައި ކޭސް އެކެވެ. އެ ހުރިހާ ކޭސްތަކަކީ އިމްޕޯޓަޑް ކޭސްތަކެއް ނަމަވެސް މިހާރު މާލެ ތެރެއަށް ކޮވިޑް-19 މިވަނީ ފެތުރިފައެވެ. މާލެ ތެރެއަށް ބަލި އައި ސޯސް ނުވަތަ ގޮތް ނުހޯދިގެން އުޅޭއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި މިހާތަނަށް 3 މީހުން ޕޮޒިޓިވް ވީއެވެ.