ޗައިނާގެ ވޫހާން ސިޓީން ކޮރޯނާ ވައިރަސް ޑިޒީޒް ނުވަތަ ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެ، ވޫހާން ލޮކްޑައުން ކުރުމާއެކު އެކި ނޫސްތަކުގެ ސުރުހީތަކުން ފެންނަމުން ދިޔަ ހަބަރުތަކުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ދިޔައީ ސިހުން ލިބެމުންނެވެ. އެއާއެކު ހުރިހާ ގައުމަކުން ވެސް ކޮވިޑް-19އާ ހަނގުރަމަ ކުރުމަށް ތައްޔާރުވާން ފެށީއެވެ. ބައެއް ގައުމުތަކުން ހަރުކަށި ފިޔަވަޅުތައް އަޅަމުން ދިޔައިރު، އަނެއްބައި ގައުމުތަކަށް މި ބައްޔަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނުވިސްނިއެވެ. ދުރާލާ ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅި އެއް ގައުމަކީ ރާއްޖެ ކަމުގައި ވާނެއެވެ.

ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެގެން ދިޔައީއްސުރެ ދުވާލު ދެފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން މެދު ކެނޑުމެއް ނެތި ބުނަމުންދިޔަ އެއް ވާހަކައަކީ އެންމެ ވޯސްޓް ކޭސް ސިނާރިއޯއަށް ވެސް ރާއްޖެ ތައްޔާރު ކަމަށެވެ. ލޮކްޑައުން ހާލަތަކަށް ރާއްޖެ ގެންނަން ޖެހިއްޖެނަމަ، ރައްޔިތުންނަށް ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް ހޯދާ، އެ ޕްލޭންތައް ތައްޔާރު ކަމަށް ސަރުކާރުންނާއި އެކި އިދާރާތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

ތެދެކެވެ. ޕްލޭންތައް ހެދިއެވެ. ނަމަވެސް އެ ޕްލޭންތައް ތަންފީޒު ކުރާނެ ގޮތްތަކާމެދު މަޝްވަރާކޮށް، ގޮތް ނިންމިނަމަ އިއްޔެއާއި މިއަދު ރައްޔިތުންގެ ތެރޭގައި އުފެދިގެން އައި ހާސްކަމާއި މާޔޫސްކަން ނެތީހެވެ. އިއްޔެ ކުއްލި ގޮތަކަށް މާލެއިން ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު ސަރުކާރުން އިއުލާން ކުރީ ލޮކްޑައުންއެވެ. ލޮކްޑައުންގެ ހާލަތަކީ ހާއްސަ ހުއްދަ ދީފައިވާ ފަރާތްތައް ނޫން އެހެން ހުރިހާ އެންމެން ގޭގައި ތިބެން ޖެހޭ ހާލަތެކެވެ. ނަމަވެސް މަގުމަތިން ފެނިގެން ދިޔައީ އެ މަންޒަރެއް ނޫނެވެ.

ކުއްލިއަކަށް ލޮކްޑައުން އިއުލާން ކުރުމުން މިތިބީ ގޮތް ހުސްވެފައި، ދަރިންނަށް ކާންދޭނެ އެއްޗެއް ވެސް ގޭގައި ނެތް
'ދަ ޕްރެސް' އަށް މައުލޫމާތު ދިން ފަރާތެއް

ލޮކްޑައުން އަށް ތައްޔާރުވުމަށް ގަޑިއިރެއްހާ އިރުގެ ވަގުތު ދިނުމަށްފަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށްފައި ވާއިރު، ހާއްސަ ހުއްދައެއް ދޫކޮށްފައިވާ ތަނަކަށް މެނުވީ ޑެލިވަރީގެ ހިދުމަތް ފޯރުކޮށެއް ނުދެވެއެވެ. މާލެ އަކީ ގިނަ އަދަދަކަށް ބޭރުން ނުވަތަ އާއިލީ ފަރާތެއްގެ ގެއިން ކައިގެން އުޅޭ މީހުން ގިނަ ތަނަކަށް ވުމާއެކު، މިކަން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ބުރައަކަށެވެ.

ކުރިން މިހާލަތަށް ތައްޔާރުވެވިފައި ނެތުމާއެކު، ގެއަށް ބޭނުންވާ ޒަރޫރީ ސާމާނު ގޭގައި ނެތުމަކީ ކޮންމެ މީހަކަށް ވެސް ބުރައަކަށް ވާނެ ކަމެއްތާއެވެ. 'ދަ ޕްރެސް' އަށް އެ ފަރާތްތައްކުގެ ހާލަތު ހިއްސާ ކުރި ބައެއް ފަރާތަތްތަކުން ބުނީ، ގޭގައި ކައްކާނެ އެއްޗެއް ނެތި، ޑެލިވަރީގެ ހިދުމަތްދޭ އެތައް ފިހާރައަކަށް ގުޅައިގެން ވެސް މިކަމުގައި އަލިމަގެއް ފެންނަ ގޮތް ނުވެފައިވާ ކަމަށެވެ.

ގޭގައި ކައްކާނެ އެއްޗެއް ނެތް. ފެނެއް ނެތް. މެންދުރުއްސުރެ އެކި ފިހާރަތަކަށް މިދަނީ ގުޅަމުން. ދަން ވެގެން ދިޔައިރުވެސް މިކަމުގައި އެއްވެސް އަލިމަގެއް ނުފެނޭ.
'ދަ ޕްރެސް' އަށް މައުލޫމާތު ދިން ފަރާތެއް

'ދަ ޕްރެސް' އަށް މައުލޫމާތު ހިއްސާ ކުރި ބައެއް ފަރާތްތަކުން ބުނީ، ލޮކްޑައުންގެ ހާލަތުގައި ބޭރުގައި އުޅުމަކީ މަނާކަމަށް ވާއިރު، އެ ހާލަތުގައި ގެއިން ބޭރަށް ނުގޮސް ހައި ހޫނުކަން ފިލުވޭނެ އެއްވެސް ގޮތެއް އޮތްނަމަ ބޭރަށް ނުދިޔައީސް ކަމަށެވެ. އެގޮތުން، ގޭގައި ކާއެއްޗެއް ނެތި، އެއްވެސް ފިހާރައަކުން އަދި ރެސްޓޯރެންޓަކުން ވެސް ކާއެއްޗެއް ލިބޭނެ ގޮތެއް ނުވުމުން މަޖުބޫރީ ހާލަތުގައި ގެއިން ނިކުތީ ކަމަށް ވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

ހަމަމިއާއެކު، އިއްޔެއާއި މިއަދު މާލެ ސަރަހައްދުގެ މަގުމަތިން ވަނީ ގިނަ އަދަދަކަށް ބިދޭސީން ފެނިފައެވެ. އެގޮތުން މިފަދައިން ބޭރަށް ނިކުމެގެން އުޅުނު ބިދޭސީއަކު ބުނީ، ލޮކްޑައުންގެ މުއްދަތު އިތުރު ކުރި ކަމެއް އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އަދި ގޭގައި ކާނެ އެއްޗެއް ނެތުމާއެކު، ގޭގައި ކެއްކޭނެ އިންތިޒާމުތައް ނެތުމުން ބޭރަށް ނިކުންނަން ޖެހެނީ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި ބަޔަކު ކާއެއްޗެހި ހޯދުމަށް ތަށި ހިފައިގެން ރޯ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އަންމުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އާންމުވެފައިވަނީ އިއްޔެ ކޮންސްޓްރަކްޝަން ސައިޓެއްގައި ތިބި ބަޔަކަށް ކާއެއްޗެހި ހިފައިގެން ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިން ކާތަށި ހިފައިގެން ޕިކަޕު ކައިރީ، ރޮއެ ހަޅޭއްލަވާ ހަދާފައި ވަނީ ސައިޓު ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

ތައާރަފް ކޮށްފައިވާ ޑެލިވަރީ ހިދުމަތްތަކަށް ބާރުބޮޑުވެ، ގިނަ ބައެއްގެ ފޯނު ކޯލުތަކަށް ޖަވާބު ނުލިބި ގޮސްފައި ވާއިރު ޒަރޫރީ ބޭނުންތައް ނުފުއްދި އެތައް ބަޔަކު އެބަ ތިއްބެވެ. މާލޭގައި އެތައް ހާސް ބަޔަކު ދިރިއުޅޭއިރު، ވޯސްޓް ކޭސް ސިނާރިއޯއަށް ތައްޔާރުވުމަށް ހެދި ޕްލޭންތަކުގައި މި ހުރިހާ އެންމެނަށް ކޭޓާ ކުރެވޭނެ ގާބިލުކަން ނެތްކަމުގެ ހެކި އިއްޔެއާއި މިއަދު ފެނިގެން އެބަދެއެވެ. ރައްޔިތުން ހާސްކަމާއި ބިރުވެރިކަމުގައި ތިބި ދަނޑިވަޅެއްގައި ކާނާގެ ކަށަވަރުކަމެއް ނެތި އިތުރު މާޔޫސްކަމެއްގެ ތެރެއަށް ވެއްޓުނީއެވެ.