މާލެ ތެރެއިން ކޮރޯނާވައިރަސް ފެނުން ވީ ގިނަ ބައެއްގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔަ ކަމަކަށެވެ. އެކަކަށް ފަހު އޭނާގެ ތުއްތު ދަރިފުޅު ޕޮޒިޓިވް ވި ހަބަރެވެ. ދެން އާއިލާގެ އިތުރު މެންބަރަކު ޕޮޒިޓިވް ވި ހަބަރެވެ.

މާލެއިން ޕޮޒިޓިވް ވި ފުރަތަމަ މީހާއާއެކު، މުޅި ގައުމު ހުއްޓުމަކަށް އައެވެ. ގައުމުގެ ވަލީއުލްއަމްރު އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރެއްވިއެވެ. ކީރިތި ކުރައްވަމުން ވިދާޅުވީ، "މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް މި ބައްޔަށް ހޯދިފައި ނެތް މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން" ކަމަށެވެ.

ރައީސްގެ އެވާހަކަފުޅުން ގިނަ މެސެޖުތަކެއް ދެއެވެ. ފަރުވާއެއް ހޯދިފައި ނުވާ އެބަލި ކޮންޓްރޯލުން ނައްޓާ މާލެ ތެރެއަށް ފެތުރުމުގެ ބިރު އޮތް މިންވަރެވެ. އެއާއެކު އިލްތިމާސް ކުރައްވަނީ ގޭގައި ތިބުމަށެވެ.

މާލެއިން ޕޮޒިޓިވް ވި ފުރަތަމަ ކޭސް އާ ގުޅިގެން ނިއުޅެމުން ދިޔަ ވާހަކަތަކުން، އަމުދުން ގޭގައި ނުތިބެ ވާން ނެތްކަން އެނގިގެން ދިޔައެވެ. ޕޮޒިޓިވް ވި ކޭސް "ނުދާ ތަނެއް" ނެތެވެ. ނުވަތަ އެ ކޭސްއާ ގުޅުންނެތް މާލޭގެ އަވަށެއް ނެތެވެ. ހުޅުމާލެއާއި، ރާއްޖޭގެ ދެކުނާ އުތުރަށް ކޮންޓެކްޓް ޓްރޭސިން ފުޅާވެގެން ހިނގައްޖެއެވެ. ހަމަ އެންމެ ތިއްކެއް (އެންމެ މީހެއްގެ) ސަބަބުންނެވެ.

މާލެއާއި ކޮވިޑް

މާލެ އަކީ ކާރޫބާރު ބޮޑު ރަށެކެވެ. އެއް ގޭގެ ބެލްކަނީގައި ހުރެފައި ކެއްސާލާއިރު ވައިގެ ތެރެއިން ޖެހިގެން ހުންނަ ގޭގެ ބެލްކަންޏަށް ނުވަތަ ވައި ގޮޅިއަށް "ޕާޓިކަލްސް ނުވަތަ ޑްރޮޕްލެޓް" ވަންނަހާ ކައިރިއެވެ. ގިނަ އިމާރާތްތައް ހުންނަނީ ޖެހިޖެހިގެންނެވެ. އެހެން ވީމާ، ކޮރޯނާވައިރަސް ކަހަލަ ނުރައްކާ ބައްޔެއް އިސާހިތަކު ފެތުރިގެން ހިނގައިދާނެއެވެ.

ރާއްޖޭން ކޮރޯނާވައިރަސް ފެނުމާ ވިދިގެން ރާއްޖޭގެ ދޮރާށިތައް ބަންދު ކުރިއެވެ. ބޭރުގެ އުދުހުންތައް ހުއްޓާލިއެވެ. ރިސޯޓުތަކުން ރަށްރަށަށް އަރާ ފޭބުންވެސް ހުއްޓުވާލިއެވެ. ރިސޯޓުތަކުން އަމުދުން އެއްވެސް މީހަކަށް ރަށްރަށަށް ނުދެވޭ ގޮތްވެސް ހެދިއެވެ. ސަލާމަތީ ގޮތުން އަޅާ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުން، ފުރަތަމަ ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓް ވީ އެންމެން ކަރަންޓީނު ކުރިއެވެ. އޭގެ ފަހުން ފެނުނު އެންމެންވެސް ކުރިއެވެ. ރާއްޖެއިން ބޭރުގައި ތިބެފައި މާލެ އައި އެންމެންވެސް ކުރިއެވެ. އެއްބަޔަކު ކަރަންޓީނު ފެސިލިޓީތަކުގައެވެ. އަނެއް ބަޔަކު އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަނެއް ބަޔަކު ހޯމް އައިސޮލޭޝަންގައި މާލޭގައެވެ.

މާލެއަށް ވައިރަސް ފެތުރެން ދިމާވި މަސްދަރު ނުވަތަ ސޯސްއަކީ މާލޭގެ އެކި ގޭގޭގައި ހޯމް އައިސޮލޭޝަނުގައި ތިބި މީހުން ކުރެން މީހަކަށް ނުވާނެތޯއެވެ. އެހެނަސް އެ އެންމެންގެ ޓެސްޓް ނެގެޓިވްއެވެ. އެހެންވިއްޔާ އެ ޓެސްޓްތައް އެންމެ އެކިއުރޭޓް ނުވަނީ ތޯއެވެ. ބައެއް މަސްދަރުތަކުން އެނގިފައިވަނީ ބައެއް ޓެސްޓްތައް ރިޕީޓުކޮށް ހަދަން ޖެހުނު ކަމެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ސަރުކާރުން އެކުލަވާލައިފައިވާ ޓާސްކްފޯހުން، މާލޭގެ ކޭސްއާ ގުޅިގެން ހާމަ ކުރި މައުލޫމާތު ތަކަކީވެސް ސިއްސައިގެން ދާ ވަރުގެ މައުލޫމާތު ތަކެކެވެ. ކޮންޓެކްޓް ޓްރޭސިން ހަދަމުން ދިޔަ އިރު، 22 ތަނެއްގައި ކޮންޓެކްސް އެބަ ތިއްބެވެ. މާލޭގެ ހުރިހާ އަވަށަކާއި ހޮސްޕިޓަލަށްވެސް ވަނީ ގޮސްފައެވެ. މަސްދަތުރު ދިއުމާ، އޯޕަން ޓެރެސް ޕާޓީ ވެސް ބޭއްވީއެވެ.

ސާބިތު ނުހިފޭ ވާހަކަތައް

ޕޮޒިޓިވް ވި ކޭސްއާ ގުޅިގެން ސޯޝަލްމީޑިއާގައި ދެކެވޭ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ވާހަކަ ތަކަކީ އެކަންކަން ގުޅިފައި ވާ ފަރާތްތަކުގެ ބޮޑެތިކަމުން ދެއްކޭ ވަރުގެ ވާހަކަތަކެއް ނޫނެވެ. މާލޭގެ ބައެއް ބޮޑުން ކަރަންޓީނު ނުވެ މާލެ އެރި ވާހަކައާއި، މާލޭގައި ހޯމް އައިސޮލޭޝަނުގައި ތިބެން އެދުނީމައި ނުތިބެ ނުކުމެ އުޅުނު ވާހަކައާ، އެކި އެކި ގޭގެއަށް ގޮސް އުޅުނު ވާހަކަތަކެވެ. ނުފޫޒާ ބާރުން އެމީހުން މިނިވަން ކަމާއެކު އުޅުނު ވާހަކައެވެ.

މި ވާހަކަތައް އެންއީއޯސީގެ ފަރާތުން ތަކުރާރުކޮށް ވަނީ ދޮގުކޮށްފައެވެ. ބޮޑަސް ކުޑަޔަސް އެއްވެސް ފަރާތެއް ދޫކޮށްލާފައި ނުވާނެ ކަމަށް ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. އެހެންވީމާ ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކަތައް ނަފީވެގެން ދެއެވެ.

އުފެދޭ ސުވާލު

ދޮރާށިތައް ތަޅުލައި ބަންދުކޮށްފައި އޮއްވައި މާލެއަށް ވައިރަސް އައިގޮތެކެވެ. "ކޭސް 0" ހުރި ތަނެކެވެ. އޭނާ ކޮބާހެއްޔެވެ. އޭނާ އަށް މާލެ ވަދެވޭނީ، ސަރުކާރުން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން ނެއްޓިގެން ކަމާމެދު ސުވާލެއް ނޫފެދެއެވެ. އެއްގޮތަކީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ލޫޕް ހޯލް (ބާގަނޑެއް) ހުރުމެވެ. ދެވަނަ ގޮތަކީ އެ ފިޔަވަޅުތަކުން ސްކްރީން ވެގެން މާލެ އެރި ފަހުން އޭނާގެ ހަށިގަނޑުގައި ސިމްޓަމްސް ޑިވަލޮޕްވުމެވެ.

މިއިން ކޮންމެ ހާލަތެއް ގައިވެސް "ކޭސް 0" ގެ ހަށިގަނޑުގައިވެސް ސިމްޓަމްސް ނެތި ނުދާނެއެވެ. އޭނާގެ ފަރާތުން އެހެން މީހަކު ބަލި ވާއިރު، "ކޭސް 0" ގެ ހަށިގަނޑުން ނިޝާންތައް ނުފެނި ދިއުމަކީ ނާދިރު ކަމެކެވެ. އެހެންވިއްޔާ "ކޭސް 0" ފިލީތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.