ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކޭސްއެއް މާލެއިން ފެނި، މާލެ 24 ގަޑިއިރުގެ ލޮކްޑައުން އަކަށް ގޮސްފައި ވާތީ، ލޮކްޑައުންގެ މުއްދަތުގައި ޑެލިވަރީ ކުރަން ހަމަޖައްސާ ދެވޭނެ ވަގުތުތައް ފުލުހުން އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ހެނދުނު 9:00 އިނ މެންދުރު 2:00 އަށާއި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް މާލޭގައި ޑެލަވަރީ ކުރުމުގެ ހިދުމަތް ހަމަޖައްސާ ދެވޭނެ ކަމަށެވެ.
ޑެލެވެރީ ކުރުމުގެ ހިދުމަތް ހަމަޖައްސާ ދެވެނީ އެކަމަށް އެދި ހުއްދަ ހޯދާފައިވާ ފަރާތްތަކަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
މާލެއިން ކޮވިޑް-19 ފެނި، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކޮންމެހެން ގެއިން ނިކުންނަން ޖެހިއްޖެނަމަ ގެއިން ނިިކުތުމުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރެޖިސްޓްރީ ވާން ގުޅަން ޖެހޭނީ ފުލުހުންގެ ނަމްބަރު 3034444 އަށް ކަމަށާއި ވެހިކަލްތަކާއި ޑެލިވަރީ ހިދުމަތް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މަގުމައްޗަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުކުންނަ މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެ ކަމަށާއި އެފަދަ ބޭނުމެއް ނެތި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާކޮށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު 23 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި 8 ދިވެއްސަކު ހިމެނެއެވެ. ދިވެހިންގެ ތެރޭގައި މާލެއިން ބަލި ޖެހުނު 3 މީހުން ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.