މިއަދު ފަތިހު ހދ. މަހިބަދޫ ބަނދަރުގައި އޮތް 7 އުޅަނދެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުގައި އެއީ ގަސްތުގައި މީހަކު ނުވަތަ ބަޔަކު ކުރިކަމެއް ކަން އެނގިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މަހިބަދޫ ބަނދަރުގައި އޮތް 5 ލޯންޗަކާއި 2 ޑިންގީގައި އަލިފާން ރޯވި ހާދިސާގައި އެކަން ކޮށްފައި ވަނީ ގަސްތުގައި ކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ސީމީ ހަމީދު އިތުރަށް ވިދާޅުވީ، އުޅަނދުތަކުގައި ރޯކޮށްލާފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މިދިޔަ މާޗް 22 ގައި ލ. ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ ވެސް ބަޔަކު ގަސްދުގައި ކަމަަށް އޭނާ ވިދާޅުވިއެވެ. ގަމުގައި އޮތް ފުލުހުންގެ ލޯންޗްގައި ރޯކޮށްލީ މަސްތުވާތަކެތި ޓްރެފިކް ކުރުމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކާ ހެދި ބަޔަކު ރުޅި އައިސްގެން ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުންނަށް ގެއްލުންދޭން ކޮށްފައިވާ ބައެއް ކަންތައްްތަކާއި ފަހަކަށް އައިސް ކޮށްފައިވާ ބައެއް ކުށްތަކަކީ ހަރުކަށި ފިކުރު ހުއްޓުވަން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ބަދަލު ހިފަން ކުރި ކަންތައްތަކެއް ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މި ދަނޑިވަޅަކީ ކޮވިޑަށް އެމްއެންޑީއެފްގެ ސަމާލުކަން އޮތް ވަގުތެއް ކަމަށެވެ. ނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ގައުމީ ސަލާމަަތަށް ނުރައްކަލެއް ގެނައުމަށް އެއްވެސް ފަރާތުން މަސައްކަތް ނުކުރުމަށް ޝަމާލު ގޮވާލެއްވި އެވެ. ވަރަށް ނިކަމެތިކޮށް ރައްޔިތުން ތިބި ދަނޑިވަޅެއްގައި އެފަދަ ކަމެއް ކުރުމަކީ ވަރަށް ދެރަކަމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި އެރަށުގައި އޮތް ސީއެމްބިއުލަން ރޯކޮށްލުމުން ދިމާވާނެ ދަތިތައް އެނގޭނެ ކަމަށާއި ހަމައެއާއެކު ފުލުހުންގެ ލޯންޗަކާއި ކައުންސިލްގެ ލޯންޗެއް އަނދައިގެން ދިޔަކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިއީ ވަރަށް ބޮޑު ގެއްލުމެއް ކަަމަށާއި އަދި މިފަދަ ކަންކަން ކުރުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް ޝަމާލު ވިދާޅުވިއެވެ.