މާލޭގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައިވުމުން ސިފައިންގެ އެލާޓް ލެވަލް "ބްލޫ-1" އަށް މަތިކޮށްފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. މިހާރު ހުރިހާ ސިފައިންވެސް ތިބޭނީ މިހާލަތަށް ތައްޔާރު ވެ އަމަލީ މަސައްކަތުގައި މަރުކަޒުތަކުގައި ކަމަށް ޝަމާލް ވިދާޅުވިއެވެ.

ގައުމީ ސަލާމަތުގެ ދެ މުއައްސަސާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި މި ކަހަލަ ނާޒުކު ވަގުތެއްގައި އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާއެއް ނަގަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ޕޮލިހާއި އެމްއެންޑީއެފުން މިރޭ ބޭއްވި ޕްރެސް ކޮންފަރެސްގައި ޝަލާމް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އެލާޓް ލެވެއް މަތި ކުރެވިފައި ވާއިރު، އާއިލާތަކުގެ ގާތަށް ނުގޮސް ސިފައިން މަރުކަޒުތަކުގައި މަޑުކުރަން އަންގަވާފައިވާ ކަަމަށާއި މިއީ ކްރައިސިސްގެ ހާލަތެއް ކަން ސިފައިން ދަންނާނެ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އަދި މިއަދު މާލެއިން ފެނުނު ކޭސްއާ އެކު މުޅިން އެހެން ހާލަތަކަށް ގޮސްފައިވާ ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފްގެ އެލާޓް ލެވެލް ބްލޫ ވަން އަށް މަތިކޮށްފައި ވާއިރު، ޕޮލިހުންގެ އެލާޓް ވަނީ އޮރެންޖަށް ބަދަލުކޮށްފައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރެއިން ޑިއުޓީގައި އުޅޭ ފުލުހުން ގެއަށް ނުގޮސް ތިބޭނެ ތަނެއްގެ އިންތިޒާމު މިހާރު ދަނީ ހަމަޖައްސަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެއިން މިއަދު ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާ ގުޅިގެން މާލެ މިހާރު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އެއީ މާލެއިން ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމަށް ކަމަށް ވާއިރު ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު، އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 21 މީހެކެވެ. އެއީ 15 ބިދޭސީންނާއި 6 ދިވެހިންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.