ދުނިޔޭގައި ހަލުވިކމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވް ވުމާއެކު އައިޖީއެމްއެޗްގެ ސްޕެޗަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ދެ ދުވަހަށް ބަންދުކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނީ، މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ހޮސޕިޓަލްގެ ބައެއް ހިދުމަތްތައް ދެ ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް މާދަމާ އާއި އަންނަ ހޮނިހިރު ދުވަހު ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އާންމު ހާލަތުގައިވެސް ހުކުރު ދުވަހަކީ އެ ހިދުމަތް ނުދޭ ދުވަސްތަކެއް ކަމުން މާދަމާއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ސްޕެޝަލިސްޓުންނަށް ދެއްކުމާއި އައިޖީއެމްގައި ހުންނަ އެހެނިހެން ކްލިނިކަލް ހިދުމަތްތައް ނުލިބޭނެއެވެ.
ނަމަވެސް އައިޕީޑީ އަދި އެމަޖެންސީ ހިދުމަތްތައް އެހެނިހެން ދިުވަސްތަކެކޭވެސް އެއްގޮތަށް ކުރިއަށް ދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ އިތުރުން އަންނަ އާދިއްތަ ދުވަހު އަމަލުކުރުމަށް ނިންމާ ގޮތް ހޮނިހިރު ދުވަހު އަންގާނެކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުންވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.