އަމިއްލަ ގެއިން ކެއުން ފަދަ ކަންކަން ހަމަޖެހިފައި ނުހުންނަ މީހުން އަމަލުކުރަންވީ ގޮތް އަންގާނެ ކަމަށް މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓާ އަމީން ވިދާޅުވީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކަށައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ.

ކުރިއަށް ހުރި ވަގުތުތަކުގައި ކުރިމަތިވެދާނެ ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށާއި މާލޭގައި އަމިއްލަ ގެ ނެތި އެކަން ހަމަޖެހިފައިނުވާ ފަރާތްރަކަށް އެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށްވެސް އަމީން ވަނީ އިސްތިމާސް ކުރައްވާފައެވެ.

"އެހެންކަމުން އަޅުގަނޑުމެން މިއަދު ކުރިއަށްހުރި ވަގުތުތަކުގައި ކުރިމަތިވާނެ އުނދަގޫތަކަށް އެޑްރެސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު އަޅުގަނޑުމެން ހިއްސާކުރާނަން. ކާބޯތަކެތި އިތުރަށް ހޯދަންޖެހޭ ހާލަތަކަށް ދިއުމާއި އަދި އަމިއްލަ ގެއިން ނޫން ގޮތަކަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައިނުވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތްތަކާއި އަދި ޒަރޫރީ ހާލަތްތަކުގައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިންތިޒާމުތައް މިއަދުގެ ކުރިއަށްހުރި ވަގުތުތަކުގައި ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ފޯރުކޮށްދޭނެ. މިވަގުތު އެންމެ މުހިންމު ކަމަކީ ކެތްތެރިކަމާއެކީގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުކުރުން" އަމީން

މީގެ އިތުރުން އަމީން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދޭނެ ގޮތްތަކަށް ތައްޔާރުވެފައިވާ ކަމަށާއި ފަރުވާގެ އިންތިޒާމުތަކަށްވެސް ވަނީ ތައްޔާރުވެފައި ކަމަށެވެ. މާލޭގެ ލޮކްޑައުންގެ ދުވަސްތައް އިތުރުވާން ޖެހިއްޖެ ހާލަތެއްގައި މާލެ ތެރޭގައި ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތާއި ބޭސް ފޯރުކޮށްދެވޭނެ ގޮތާއި އަދި މިނޫންވެސް ޒަރޫރީ ބޭނުންތަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާނެ ކަމަށް އަމީން ވިދާލުވިއެވެ.

މާލެއިން މިއަދު ފުރަތަމަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ މިހާރު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ. އެއީ މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމަށް ކަމަށްވާއިރު ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު، އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 21 މީހެކެވެ. އެއީ 15 ބިދޭސީންނާއި 6 ދިވެހިންނެވެ. އޭގެ ތެރެއިން 16 މީހަކު ވަނީ މިހާރު ރަނގަޅުވެފައެވެ.