މާލެ ސަރަހައްދުގައި މިހާރު ކޮށްފައިވަ ލޮކްޑައުންގެ މުއްދަތު 24 ގަޑިއިރަށް ބަލާ އިތުރުކޮށްފާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ލަތީވް ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ކުރި ސަބަބކީ އެ ސަރަހައްދުގައި ރަނގަޅަށް ކޮންޓެކްޓް ޓްރޭސިންގް ހަދައި، އެހެނިހެން ފިޔަވަޅުތައް އެޅުމަށް ކަމަށެވެ. އަދި ލޮކްޑައުންގެ މުއްދަތު 24 ގަޑިއިރަށް ބެލުމަށްފަހު ލޮކްޑައުންގެ މުއްދަތުވެސް އިތުރުކޮށްފާނެ ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިނގޭ ލޮކްޑައުން ކުރުމަކީ ވަރަށް ގިނަ ބޭފުޅުންނަށް ވަރަށް ގިނަ ތަގްލީފުތަކެއް ލިބިވަޑައިގަންނަވާނެ ކަމެއްކަން. އެހެންނަމަވެސް މި ބަލި ރާއްޖޭގައި ފެތުރިއްޖެކަމަށް ވާނަމަ އަދި މާލެތެރޭގައި ފެތުރިއްޖެކަމަށް ވާނަމަ ވަރަށް ފަސޭހައިން އަތޮޅުތަކަށްވެސް ގޮސްދާނެ. އެހެންވީމަ އުނދަގޫތަކެއްވި ނަމަވެސް އަޅުގަނޑުމެން އެދެނީ ކެތްތެރިކަމާއެކު މަސައްކަތް ކުރުމަށް" ޑރ. ލަތީފް ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ ކޮންޓެކްޓް ޓްރޭސިންގެ ހެދުން ކަމަށެވެ. އަދި އެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން އެ ބަލި އިތުރަށް ފެތުރުނަ ނުދީ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގައި އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

އަދި މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީހެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. މީގެއިތުރަށް މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.