ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ހުރެގެން މޯލްޑިވިއަންގެ ބޯޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.
މިއަދު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ގުޅުންހުރި މީހަކު ހުރެގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމަށް މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ. އެނގިފައިވާ ގޮތުގައި އެފްލައިޓަކީ މާލެއިން ކާނޑެއްދޫ އަށް ދަތުރުކުރި ފްލައިޓެކެވެ. އަދި އެ ފްލައިޓު އަނބުރާ ޖައްސާފައިވަނީ މިއަދު މެންދުރު 14:30 ހާއިރުއެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތްދަނީވެސް ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގައު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުންވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީހެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. މީގެއިތުރަށް މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާއިރު، މިއަދު 15:45 ހާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވަނީ ގައުމާ މުހާތަބް ކުރައްވަން ނިންމާފައެވެ. އަދި ރައީސް ގައުމާ މުހާތަބް ކުރައްވާނީ ޓީވީ މެދުވެރިކޮށް ލައިވްކޮށެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 ޕޮޒިޓިވް ވެފައިވައިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައެވެ.