މިހާރުން ފެށިގެން 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފިއެވެ.

މާލެ ލޮކްޑައުން ކުރުމަށް ނިންމާފައި ވަނީީ، މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާތީ، ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުގައެވެ.

އެޗްޕީއޭން އާންމު ކުރި އެންގުމުގައި ބުނީ، އެ އެންގުން އަންގާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ މުއްދަތަށް އިތުރު އެންގުމެއް ނާންގާ ނަމަ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މައްގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާ ކުރާ ކަމަށެވެ. އަދި މި ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްތައް ވެސް މަނާ ކޮށްފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

އެޗްޕީއޭން ބުނީ، މި އެނގުން އަންގާފައިވާ މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅިފަޅަށް ވެސް މީހުން އަރާފޭބުން މަނާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އެޗްޕީއޭން ވަނީ މި އެންގުމުން އިސްތިސްނާވާ ފަރާތްތައް ވެސް ބަޔާންކޮށްފައެވެ.

މި އެންގުމުން އިސްތިސްނާވާ ފަރާތްތައް:

  • ސިފައިންނާއި ފުލުހުން
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލަންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
  • އެންއީއޯސީގެ ފާސް ލިބިފައިވާ މީޑިއާތައް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ މި އެންގުން ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކަށް އަންގާފައެވެ. އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާއި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް އަންގާފައެވެ.