މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިުއެވެ.
އެޗްޕީއޭ އިން ބުނީ މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާ ކަމަށާއި، އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ ކަމަށެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް-19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އިމްޕީރިއަލް ކޮލެޖުން ފަރުމާ ކޮށްފައިވާ މޮޑެލް ބޭނުންކޮށްގެން ކުރި އަންދާޒާއިން ދައްކާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފިނަމަ މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 1403 އަށް އަރާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި 140،258 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށާއި، އައިސީޔޫގައި 7013 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ލަފާ ކޮށްފައެވެ. އަދި އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލާފައި އޮންނަ ހާލަތުގައި 98000 މީހުނަށް ބަލި ޖެހި މުޅި ރާއްޖެއިން 10000 އަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށްވެސް އަންދާޒާ ކޮށްފައިވެއެވެ.
މީގެއިތުރުން މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު އެ ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން ޖުމްލަ ތިން ދިވެއްސަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ ތިން މީހަކަށެވެ. މުޅި ރާއްޖެއިން މިހާތަނަށް މި ބައްޔަށް 21 މީހުން މިވަނީ ޕޮޒިޓިވްވެފައެވެ.