ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 2000 މީހުންނަށް ޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ލަފާކުރެވޭ ގޮތުގައި 2000 އެއްހާ މީހުންނަށް މި ބަލީގެ އަސަރު ކުރާނެ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑަމޮލޮޖިސްޓުންގެ ސާވޭއަކާ ހަވާލާ ދެއްވައެވެ.
އެއީ ސައިންސުން ފެންނަން ހުރި އެއްޗެއް ކަމަށާއި ރާއްޖެއިން ނުރައްކާތެރި ހާލަތަށް 5 ނުވަތަ 10 އިންސައްތަ މީހުން ދާނެ ކަމަށް ލަފާކުރެއްވޭ ކަމަށްވެސް ނަޝީދު ވިދާޅިވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މިހާރު ރާއްޖޭގައި ގައިދުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގާތްގަނޑަކަށް 210 ދުވަސް އިޖުތިމާއީ ގައިދުރު ކަމުގައި ތިބެން ޖެހޭނެއެވެ. އެގޮތުން ނަޝީދު ވަނީ މަޖިލީހުގައި ގާައިރުކޮށް ޖަލްސާތައް ބޭއްވޭނެ ކަމަށާއި އެގޮތަކީ ކުރިއަށް ގެންދިއުން ރަނގަޅު ގޮތެއްތޯ ސުވާލު ކުރައްވާފައެވެ.
އޮންލައިންކޮށް ކުރިޔަށް ގެންދާ މި ހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް މި ހަފްތާގެ ޖަލްސާތައް ކެންސަލް ކޮށްފައި ވަނީ ކޮމެޓީ ތަކުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މެންބަރުންނަށް ވަގުތު ދެއްވުމަށް ކަމަށް ބުނެއެވެ.
2000 މީހުންނަށް ރާއްޖެއިން މި ބަލި ޖެހޭނެ ކަމަށް ނަޝީދު ލަފާކުރައްވާފައި ވާއިރު، ކޮވިޑު-19 ނުވަތަ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެންމެ ގޯސް ހާލަތެއްގައި ރާއްޖެއިން 10،000 މީހުން މަރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް، ޕްރޮފެސާ ހަސަން އުގެއިލްވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން އުގައިލް ވަނީ ރައްޔިތުންގެ ހާސްވުމާއި ކަންބޮޑުވުން ފެނިވަޑައިގެން އެކަމާ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.
ޢެޗްޕީއޭ ގެ ސާރވޭ އެއް ތިމާ އަމިއްލަ އެއްޗަކަށް ހަދައޮގެން ކީމަ ހުތުރު
ބަލީގައި ބޮޑުވަރުވެ މަރުވާނީ އެކަކު!