ޕިލިޕީންސުން ރާއްޖެއައި ދިވެހި މީހާ އެރިޔަދޫ ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް ވި މައްސަަލައިގައި، އެރަށުގައި ކަރަންޓީނު ކޮށްފައިވާ އެންމެން އުޅުނު ގޮތުގެ ތަހުގީގެއް ކުރަން ނިންމާފައިވާ ކަމަށް ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ، އެގޮތަށް ތަހުގީގު ކުރަން ޖެހުނީ ދީފައިވާ އިރުޝާދުތަކާއި ހިލާފަށް ވެސް ބައެއް ފަރާތްތަކަށް އަމަލު ކުރެވިފައި ހުރުމުން ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ކޮޓަރިން ބޭރަށް ނިކުތުމާއި ބީޗަށް ދިއުން ފަދަ ކަންކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

"ހުއްދަ ދީފަ ހުރޭ ބައެއް ފެސިލިޓީތަކުގައި އަމިއްލައަށް ދޮރުމައްޗާއި ހަމައަށް ނުވަތަ ބީޗް އާއި ހަމަޔަށް ނުނިކުންނަން. މިކަމުގައި އެބަ ހުރި މައުލޫމާތު އެބޭފުޅުން މިތަނަށް އައިއިރުގައި ކޮންމެވެސް ވަރަކަށް ދީފައި ހުރި އިރުޝާތުދުތަކަށް ވުރެން އިތުރަށްވެސް އުޅެވިފަ ހުރެދާނެ ކަމަށް،"
މަބްރޫކް

މަބްރޫކް ވިދާޅުވީ އެ މައުލޫމާތުތަކަށް ބެލުމަށްފަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމީ އެކަމުގައި ތަހުގީގެއް ކުރުމަށް ކަމަށެވެ. އަދި އެ ތަހުގީގު ހެދުމަށްފަހު ނޫނީ އެރިޔަދޫ ކަރަންޓީންގައި ތިބި މީހުން ދޫ ނުކުރުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ،

"އެކަމު ހަމައެކަނި ބަލަން ބޭނުންވަނީ ކިހާ ވަރަކަށްތޯ ނުކުމެ އުޅުނު އިރުގައި އެއްވެސް މީހަކު އެހެން މީހަކާ ދިމާވެފައި ހުރިތޯ. އެގޮތުން ކޮންމެހެން ބަލަން ޖެހޭ ކަމަށް ފެނިގެން 17 މީހެއްގެ ސާމްޕަލްވެސް މިހާރު ވަނީ ނަގާފައި،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ފިލިޕީންސްގައި އުޅުނު 47 ދިވެއްސަކު ވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހު ރާއްޖެ އައިސްފައެވެ. އެއީ ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންތަކެކެވެ. އެ ހުރިހާ ކުދިންވެސް ރާއްޖެ އައިސްފައި ވަނީ އިނގިރޭސިވިލާތުން ގެނައި ބަޔަކާއި އެކު ގަތަރު މަގުން އެއް ފްލައިޓެއްގައި ކަމަށެވެ.