ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވުމާއެކު ތެލުގެ ބަޒާރު ހިމާޔަތް ކުރުމުގެ ނަމުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް ދަށްކުރުމަށް، ސިނާއަތް ކޮންޓްރޯލް ކުރާ ބޮޑެތި ގައުމުތަކުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)އާ އެ އިއްތިހާދަށް އެއްބާރުލުންދޭ ކުންފުނިތައް (އޯޕެކް+) މި އެއްބަސްވުމަށް ބައިއަތު ހިފާފައިވަނީ، ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކަމަށްވާއިރު، މިއީ މިހާ ބޮޑު އަދަދަކުން ތެލުގެ އުފެއްދުންތެރިކަން މަދުކުރުމަށް އެއްބަސްވުމަކަށް އައި ފުރަތަމަ ފަހަރުވެސްމެއެވެ.

ރަޝިޔާވެސް ހިމެނޭ ގޮތަށް އޯޕެކް+ ގައުމުތަކުން ތެލުގެ އުފެއްދުންތެރިކަން މަޑުޖައްސާލަން އެއްބަސްވިކަން އެންމެ ފުރަތަމަ ހާމަކުރީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް މެކްސިކޯއިން ވަނީ އެ މިންވަރަށް އުފެއްދުންތެރިކަން މަޑުޖައްސާލަން އޭރު އިންކާރުކޮށްފައެވެ.

ތެލުގެ އުފެއްދުންތެރިކަން 10 ޕަސެންޓް ދަށްކުރުމަށް ނިންމިކަން އޯޕެކްއިން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، މެމްބަރު ގައުމުތައް ވަކިވަކީން ވަނީ، މިކަން ކަށަވަރުކޮށްދީފައެވެ.

މިހާތަނަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އޯޕެކްގެ ގައުމުތަކުން ވަނީ ދުވާލެއްގެ މައްޗަށް އުފައްދަމުންދާ ތެލުގެ ޝިޕްމަންޓުން، 9.7 މިލިއަން ފީފާގެ ތެޔޮ އުނިކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، އޭޝިއާ ބައްރުގައި ތެޔޮ ފީފާއެއްގެ އަގުން 1 ޑޮލަރު ވަނީ އުފުލިފައެވެ. ޖުމުލަ ގޮތެއްގައި އަގުތަކަށް ބަލާއިރު، ތެޔޮ ފީފާއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 24-32 ޑޮލަރާ ދެމެދު އަގުތަކެއްގައެވެ. ތެލަށް އޮތް ޑިމާންޑަށް ބަލާއިރު ތިންބައިކުޅަ އެއްބަޔަށް ވުރެވެސް ބޮޑު މިންވަރަކަށް މިއަދަދު ވަނީ ދަށަށް ގޮސްފައެވެ.