ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ކޮވިޑް-19 އާ ގުޅިގެން ދަތިތައް ދިމާވެފައިވާތީ، ތަކެތި ފޮނުވުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދަން ދަތިތައް ކުރިމަތި ވެފައިވާ ކަމަށެވެ. އެހެން ކަމުން މިމަހުގެ 16 ވަަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް ބެންކޮކަށް ދަތުރުކުރަން ނިންމާފައިވާ ކަމަށާއި އެ ދަތުރުގައި ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ފޮނުވައިދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެކަމަށް އެދޭ ފަރާތްތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރާ ހުށަހަޅުމަށް ވަނީ އެދިފައެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި
  • ޗިލީ ޕޭސްޓް، މަސްމިރުސް (ހަމައެކަނި އޮރިޖިނަލް ޕެކިންގައި، ލޭބަލްއާ އެކު)

މިނިސްޓްރީން ބުނީ ތަކެތި ބަލައިގަންނާނީ، ބުދަ ދުވަހުގެ ހެނދުނު 9:00 ފެށިގެން މެންދުރު ފަހު 3:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ހުންނަ ހާއްސަ ކައުންޓަރުތަކުން ކަމަށެވެ.