ރިސޯޓުތަކުގައި ތިބި 9663 މީހުންނާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބި 800 މީހުން ދޫކޮށްލާ ފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީންކޮށްފައި ބޭތިއްބި މީހުންގެ ތެރެއިން މިއަދާ ހަމައަށް އައި އިރު ޖުމްލަ 800 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ހަމައެއާއެކު އެންމެ ފަހު ފަތުރުވެރިޔާ ފުރިފަހުން 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު 9663 މުވައްޒަފުން ރިސޯޓުތަކުން އަރާ ފޭބުމުގެ ހުއްދަ ދެވި ދޫކޮށްލެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް 11 މީހަކު އައިސޮލޭޝަން ފެސިލިޓީގައި ތިބި އިރު ކަރަންޓިން ފެސިލީޓަކުގައި ތިބީ ޖުމްލަ 907 މީހުންނެވެ.

މިހާތަނަށް ކޮވިޑަށް ޓެސްތު ކުރުމަށް ޖުމްލަ 2670 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެތެރެއިން 2612 ސާމްޕަލަކީ ނަތީޖާ ނެގެޓިވްވެފައިވާ ސާމްޕަލްތަކެވެ. އަދި 38 ސާމްޕަލަކީ ލެބޯޓްރިއަށް ސާމްޕްލް ގެންދިއުމަށްފަހު ނަތީޖާ އަދި ނުލިބި ހުރި ސާމްޕަލްތަކެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް 20 މީހަކު ޕޮޒިޓިވްވެފައި ވާއިރު މި ބަލިން 14 މީހަކު ވަނީ ރަނގަޅުވެފައެވެ. އެއީ 13 ބިދޭސީންނާއި އެއް ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 4 ދިވެހިންނެވެ.