ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ 5 ދިވެހިންގެ ތެރެއިން އެކަކު ރަނގަޅު ވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ބަލިން މިއަދު ރަނގަޅުވި ދިވެއްސަކީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ (ކޭސް-16) ކަމަށެވެ.
ރާއްޖެއިން ރަނގަޅުވި ފުރަތަމަ ދިވެހި މީހާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ، އޭނާ ބަލިން ރަނގަޅުވިކަން ކަށަވަރުވެފައި ވަނީ ދެފަހަރު ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެގެން ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ޖުމްލަ ފަސް ދިވެއްސަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ޔޫކޭއިން ރާއްޖެއަށް އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން ރާއްޖެއަށް އައި ދިވެއްސެކެވެ. މިހާރު ކަރަންޓީން ފެސިލިތީތަކުގައި ތިބޭ ހުރިހާ އެންމެން ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމުން ދޫކޮށްލަނީ ކޮރޯނާ އަށް ދެ ފަހަރު ޓެސްޓު ކުރުމަށް ފަހު ދެ ނަތީޖާވެސް ނެގެޓިވް ވުމުންނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، މިވަގުތު ބައްޔަށް ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ.