އިންޑިއާގެ ވެރިރަށް ނިއުދިއްލީ (ނޭޝަނަލް ކެޕިޓަލް ރީޖަން) ސަރަހައްދަށް މިއަދު ހަވީރު ވަރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ލިބިފައިވާ އެންމެ ފުރަތަމަ ރިޕޯޓްތައް ބުނާ ގޮތުގައި ދިއްލީ ގަޑިން ހަވީރު 05.45 ހާއިރު ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަޑުން 3.5ގެ ބާރުމިނުގައެވެ. ބިންގަނޑު ހެލިގަތުމާއެކު، ހާސްކަމާ ނުތަވަސް ވެފައިތިބި ގިނަ އަދަދެއްގެ ރައްޔިތުން ގެތަކުން މަގުތަކަށް ނިކުމެފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކުރެއެވެ.

ބިމުގެ 8 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގައި ލިބުނު ގެއްލުމުގެ ރިޕޯޓެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

މިދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މުޅި އިންޑިއާގައި ލޮކްޑައުން އަމުރެއް ތަންފީޒުކުރަމުންދާ ދަނޑިވަޅެކެވެ.