ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރާ ރެސްކިއު ފްލައިޓުތަކުގެ މައުލޫމާތު މޯލްޑިވިއަނުން ހާމަ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ހަމަޖައްސާ ރެސްކިއު ފްލައިޓުތަކުގެ މައުލޫމާތު ގައުމީ އެއާލައިން، މޯލްޑިވިއަނުން ހާމަ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައުލޫމާތު ހާމަ ކުރާނީ ގައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ހުއްދަތައް އެ ގައުމުތަކުން ދިނުމުން ކަމަށެވެ.

މިއުވާން މިހެން ވިދާޅުވީ، މިމަހު 13 ވަނަ ދުވަހު އިންޑިއާގެ ދެ ސަރަހައްދަކަށް އަދި 16 ވަނަ ދުވަހު ނޭޕާލާއި ބަންގްލަދޭޝްއަށް ރެސްކިއު ފްލައިޓު ހަމަޖައްސާފައިވާ ކަމަށް ބުނެ ޝާއިއު ކުރި ލިއުމާ ގުޅިގެން އާންމުން ކަނބޮޑުވުން ފާޅު ކުރަމުން ގެންދިއުމާ ގުޅިގެން އެކަމަށް ޖަވާބު ދެއްވަމުންނެވެ.

މިމަހު 13 ވަނަ ދުވަހާއި 16 ވަނަ ދުވަހަށް ރެސްކިއު ފްލައިޓުތައް ހަމަޖައްސާފައިވާ ކަމަށް އެންޑީއެމްއޭއިން ހާމަކޮށްފައި ވީ ނަމަވެސް، މިއީ ބަދަލުވެދާނެ ތާރީހުތަކެއް ކަމަށް މިހާރު މައުލޫމާތު ލިބެއެވެ. މި ފްލައިޓުތަކުގެ މައުލޫމާތު މޯލްޑިވިއަނުން ހާމަ ކުރާނީ ޔަގީންކަމާއެކު ފްލައިޓު އޮންނާނެ ތާރީހުތައް ޔަގީން ވުމުން ކަމަށް މިހާރު ވަނީ ބުނެފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ދިވެހި ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަނުން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާގެ ކޮޗިން އިން 189 މީހުން ވަނީ ރާއްޖެ ގެނެސްފައިވާއިރު، މެލޭޝިއާއިން 197 މީހުން އަދި ޓްރިވެންޑްރަމުން 205 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ.