މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާއެކު ދެކުނު އޭޝިއާ ސަރަހައްދުގެ އިގުތިސޯދު އަޑިއަޅާލަމުންދަނީ ފާއިތުވީ 40 އަހަރު ދުވަހުވެސް ދެކެފައިނުވާ ވަރުގެ ހީނަރުކަމަކާ ދިމާލަށް ކަމަށާ، ކުރިމަތީގައޮ އޮތް "ތޫފާނު"ގައި އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ ދިވެހިރާއްޖެއަށް ކަމުގެ އިންޒާރު، ވޯލްޑް ބޭންކުން ދީފިއެވެ.

އެންމެ ބޮޑު ގެއްލުމަކާ ރާއްޖެއަށް ކުރިމަތިލާންޖެހެނީ ކީއްވެކަން ތަފްސީލުކޮށްދެމުން ވޯލްޑް ބޭންކުން ބުނީ، ކޮވިޑް-19އާއެކު ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހިފައިވާއިރު، ރާއްޖޭގެ އިގުތުސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް 13 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަފްގާނިސްތާނާ ޕާކިސްތާނު ފަދަ ގައުމުތަކުގައި މިއަދަދު އުޅޭނީ ގާތްގަނޑަކަށް 5.9 ޕަސެންޓްއާއި 2.2 ޕަސެންޓްގައި ކަމަށް ވޯލްޑް ބޭންކުގެ ރެކޯޑްތަކުގައިވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން މިއަދު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވާ އިގުތިސޯދީ ނޭދެވޭ އަސަރުތައް މިހާރުވެސް ދެކުނު އޭޝިއާ ސަރަހައްދުން ފެންނަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމާ، ލޮކްޑައުންގެ ސަބަބުން އާންމު ދިރިއުޅުމުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމާ، ހުޅަނގުގެ ބޮޑެތި ކުންފުނިތަކުން ކޮށްފައިވާ ބޮޑެތި އޯޑަރުތައް ކެންސަލްކުރުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގައި، އިންތިހާ ފަގީރު ހާލުގައި ދިރިއުޅޭ މަސައްކަތްތެރިން އިތުރަށް ބިކަވެފައިވާކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މީގެ އިތުރުން މުޖުތަމައުގެ މެމްބަރުންގެ މެދުގައި އޮތް ހަމަހަމަކަމުގެ ހައްގަށް ބޮޑު އުނިކަމެއް އަންނާނެ ކަމަށާ، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ނުރަސްމީ މަސައްކަތްތެރިންނަށް ނާއިންސާފާ ކުރިމަތިލާންޖެހޭކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ކަންމިހެން އޮތްއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކޮށް، ރައްޔިތުން ހިމާޔަތްކޮށް، ވަކިން ހާއްސަކޮށް ފަގީރުންނާ ނާޒުކު ހާލުގައި އުޅޭ ރައްޔިތުން ރައްކާތެރިކޮށްދީ، އިގުތިސޯދު ހެޔޮފާލަކަށް އެޅުވުމުގެ ދުވެލި އަވަސް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ވޯލްޑް ބޭންކުންވަނީ ސަރުކާރުތަކަށް ގޮވާލާފައެވެ.

މީގެ އިތުރުން ހިޖުރަވެރި މަސައްކަތްތެރިންނަށް ވަގުތީ ވަޒީފާތައް ހަމަޖައްސާ ދިނުމަށާ، ވިޔަފާރިތަކާ ވަކި ފަރުދުންނަށް ލޯނު ޕްރޮގްރާމްތަކުގައި ލުއި ދިނުމަށާ، އަސާސީ މުދާ ގަނެވިއްކުމުގެ ވިޔަފާރިއަށް ހުރި ހަރުކަށި ހުރަސްތައް ނައްތާލުމަށްވެސް ވޯލްޑް ބޭންކުންވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކަންމިހެން އޮތްއިރު، މޯލްޑިވްސް ކޮވިޑް-19 އިމާޖެންސީ ރެސްޕޯންސް އެންޑް ހެލްތް ޕްރެޕެއާޑްނަސް ޕްރޮޖެކްޓްގެ ދަށުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރިވުމަށާ، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ވޯލްޑް ބޭންކް ގުރޫޕުގެ ޑައިރެކްޓަރުންގެ ބޯޑުން ވަނީ ރުހުން ދީފައެވެ. މިއީ 7.3 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ކުއްލި އެހީގެ ގޮތުގައި ފޯރުކޮށްދޭ 7.3 މިލިއަން ޑޮލަރުގެ އެހީގެ މަޝްރޫއުގެ އިތުރުން، ވޯލްޑް ބޭންކުންވަނީ 2019 ވަނަ އަހަރު ސޮއިކޮށް ކެޓް ޑީޑީއޯ އެއްބަސްވުމުގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ދޭނެކަންވެސް ހާމަކޮށްފައެވެ.