ރާއްޖެއިން އިތުރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސަކު ކޮވިޑް19⁩ އަށް ޕޮސިޓިވް ވެފައި ކަމަށެވެ. އަދި މި މީހާއަކީ ފިލިޕީންސް އިން އެނބުރި ރާއްޖެ އައި މީހެއް ކަމަށާއި، މިއީ މި ބައްޔަށް ޕޮޒިޓިވް ވި ފަސް ވަނަ ދިވެހި މީހާއެވެ.

ރާއްޖެއިން އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، މިއީ ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި 20 ވަނަ މީހާއެވެ. އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީންނެވެ. އެގޮތުން 15 ބިދޭސީއަކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވިއެވެ. އަދި އެ މީހުންގެ ތެރެއިން 13 މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅު ވެފައެވެ.

ފިލިޕިންސްގައި 100 އަށްވުރެ ގިނަ ދިވެހިން އެބަ ތިބި ކަމަށާއި ކޮވިޑާ ގުޅިގެން އެ ދިވެހިންނާ މެދު އަމަލު ކުރާނެ ގޮތަކާމެދު އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ. އަދި އޭގެފަހުން މިދިޔަ މަހުގެ 28ވަނަ ދުވަހުން ސަރުކާރުން ވަނީ އެގައުމުގައި އުޅޭ 63 ދިވެއްސަކު ރާއްޖެ ގެނެސްފައެވެ. އަދި އެމީހުން ރާއްޖެ ގެނެސް ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ.

ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުން ވަނީ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މަިމހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައެވެ. އަދި އޭގެ އިތުރަށް މާލެ ސަރަހައްދުގެ ކަބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުމާއި، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުންވެސް ހިމެނެއެވެ.