އިންޑިއާގެ މަޝްހޫރު ފިލްމުތައް ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމުން ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، ގޭގައި ތިބެން ޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި އިހުގެ އަދި މިހާރުގެ ބޮލީވުޑް ފިލްމުތައް ބަލާލައި، މުނިފޫހިފިލުވާލަން ލިބޭ މީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްގެ އެއްވަނަ ޕްރޮވައިޑާ ޝެމަރޫ އެންޓަޓެއިންމަންޓާ ގުޅިގެން ދިރާގު ތީވީ މެދުވެރިކޮށް އިހުގެ ބޮލީވުޑް ސުޕަހިޓް ފިލްމުތަކާއި ބެންގާލީ ފިލްމުތައް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު ދިރާގު ޓީވީއަށް އަލަށް އިތުރުކުރި ޝެމަރޫގެ ކޮންޓެންޓް މެއި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓާއެކު މަހަކު 30 ރުފިޔާއަށް ބަލައިލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގު ޗީފް މާކެޓިން އޮފިސާ މަހުމޫދް ދަސަރް ދިވާޅުވީ ޝެމަރޫމީ ފަދަ ބޮޑު ކޮންޓެންޓް ޕްރޮވައިޑާއެއް ދިރާގު ޓީވީ އާ ގުޅުމުން ވަރަށް އުފާވެވަޑައިގަންނަވާ ކަމަށާއި ކަސްޓަމަރުން ގަޔާވާކަހަލަ ހިންދީ ފިލްމުތައް ދިރާގު ޓީވީ ވީއޯޑީ މެދުވެރިކޮށް މިހާރު ބަލާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑްގެ ސީ. އީ. އޯ ހިރެން ގަޑާ ވިދާޅުވީ، ދިރާގު ފަދަ ބޮޑު ކަސްޓަމާ ބޭސް އެއް އޮންނަ ކުންފުންޏަކާ ގުޅިގެން ޝެމަރޫ ރާއްޖެއަށް ގެނެއުމުން ވަރަށް އުފާވެވަޑާއިގަންނާ ކަމަށެވެ. އަދި އެކި އުމުރުފުރާތަކަށް އެކަށީގެންވާ ކަހަލަ ކޮންޓެންޓް ޝެމަރޫމީގައި އެކުލެވިގެންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީ ގެ ހިދުމަތެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއި ހެޔޮ އަގުގައި ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.